ފުލުހުން ތަހުގީގަށް އާންމުންގެ އެހީއަށް އެދިއްޖެ

އިއްޔެ ހެނދުނުގެ ވަގުތެއްގައި އައިޖީއެމްްއެޗާ ދިމާލުން މޫދު އަޑީގައި މީހަކު މަރުވެފައިވާ އޮއްވާ ފެނުނު ހާދިސާގެ ތަހުގީގަށް އާންމުންގެ ކިބައިން ފުލުހުން އެހީއަށް އެދިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރި ޓްވީޓެއްގައި ބުނީ އައިޖީއެމްއެޗް ސަރަހައްދާ ދިމާލުން މޫދު އަޑިން މަރުވެފައިވާ އޮއްވާ ފެނުނު މީހާގެ މަރުގެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށެވެ. 
އެގޮތުން އޮކްޓޯބަރ 22ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 9އާއި މެންދުރު 12އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ، އެފަރާތަކާއި ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ. 
އެހެންކަމުން އެގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތެއް ނުވަތަ މަރުގެ ހާދިސާއާއި ގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމެންޓްގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާގެ މަރަކީ ގުދުރަތީ މަރެއްކަން ކަށަވަރު ނުވާތީވެ، ފުލުހުން ވަނީ އިތުރަށް ތަޙްގީގުކުރަން ޕޯސްޓްމޯޓަމް ހަދަން ނިންމާފައެވެ. އެގޮތުން އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މިވަގުތު ހަށިގަނޑު ވަނީ މޯޗަރީގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން ފާހަގަކޮށް އާއިލާއިން ވަނީ އެ މައްސަލަ ބަލައިދިނުމަށް އެޗްއާރްސީއެމްއާއި އެހެނިހެން މުޢައްސަސާތަކަށްވެސް މައްސަލަ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ