ޖަލެއްގެ ތެރޭގައި ރައީސް ޔާމީން ހުންނެވިތަނަށްވުރެ، ވަކިން ފެންވަރު ރަނގަޅު ތަނެއް ނުހުންނާނެ- ހޯމް މިނިސްޓަރ

ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންފެންދަވާ ކުރީގެ ރައީސް ޔާމީން ހުންނެވި ތަނަށްވުރެ ވަކި ފެންވަރު ރަނގަޅު ތަނެއް ޖަލެއްގެ ތެރޭގައި ނުހުންނާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 
މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތެއްގެ ސުވާލަކަށް ޖަވާބު  ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފެންވަރު ރަނގަޅު ކުޑަވަރެއްގެ އެޕާރޓް މަންޓެއްގައި ކަމަށެވެ. އެތަނުންގެ ޚިދުމަތްތައް ރަނގަޅިކަން ފާހަގަ ކިރައްވަމުން ވިދާޅޫވީ ހޫނު ފެންވެސް ލިބެން ހުންނާނެކަމަށެވެ. އެއީ މިނިސްޓަރ ޢިމްރާނާއި އެނޫންވެސް ސިޔާސީ ބޭފުޅުން ޖަލުގައި ތިއްބެވި ޙާލަތާ ވަރަށް ތަފާތުކޮށް، ފެންވަރު ރަނގަޅުކޮށް ކަންވެސް ފާހަގަ ކުރެއްވިއެވެ. 
"އަޅުގަނޑުމެން ތިބިއިރު ތިބިގޮތާ ތިބިހާލާ ރައީސް ޔާމީން އެހުންނެވި ހާލަތާ ގޮތްކޮޅު އެނގިވަޑައިގަންވާ ބޭފުޅުންނަށް އެނގޭނެ އަޅުގަނޑު މިދަންނަވަނީ ކޮން ވާހަކައެއްކަން. ހޫނު ފެނުން ފެންވެރޭގޮތަށް ހުންނާނީ. އަނެއްހެން ބަލާނަމަ މުހިންމު ވާހަކައެއް މިއީ. އަޅުގަނޑުމެން ތިބެންޖެހުނުގޮތާ ހާލަތުގެ ގޮތުން ފިނި ބޮޑުވެގެން ގޮސް ފިނި ގަދަވާ ދުވަސްވަރެއްގަ ރޯގާ ޖެހިގެން ގޮސް ސަލާމަތްނުވެގެން އުޅޭންޖެހުނީ" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ރައީސް ޔާމީންގެ ބަލި ޙާލަތާއި ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމުގައި ލަފާދެއްވާފައި ވަނީ ރާއްޖެއިން ބޭރުން ޓެސްޓެއް ހެއްދެވުމަށާއި، "ސްޓްރެސް" ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ކަމަށެވެ. ޑޮކްޓަރ ލިޔިމުގައިވާ ދެވަނަބަޔަށް ރިޔާޢަތް ކުރެވޭނީ ފުރަތަމަ ބައި ބުނާކަންކަމަށްފަހު ޑޮކްޓަރުން ވިދާޅުވާ ވާހަކަތަކަށް ބެއްލެވިމަށް ފަހުކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ. 
އެމައްސަލައިގައި މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ބައްދަލުކުރައްވައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ފުރުޞަތު އޮތްކަމަށް ދެންނެވިކަށް ވިދާޅުވިއެވެ. ޓެސްޓް ހެއްދެވުމަށް މިސަރަހައްދުން ބޭނުންފުޅު ޤައުމަކަށް ވަޑައިގަތުމަށް ފުރުޞަތު އޮތްކަމަށް ވެސް ދެންނެވިކަމަށް ވިދާޅުވިއެވެ. ނަމަވެސް ޓެސްޓް ހެއްދެވުމަށް ބޭރަށް ވަޑައިގެންނެވުމުގެ ބަދަލުގައި ރައީސް ޔާމީން ބޭނުންފުޅުވީ ގެކޮޅަށް ބަދަލުވާންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ