އިސްލާމްދީނާ ދެކޮޅަށް މެކްރޯން ދެއްކެވި ވާހަކަތަކާއެކު ގައުމީ ޓީމާ ދުރަށްދާން ނިންމި ކަމަށް ދެކެވޭ ވާހަކަ ޕޮގްބާ ދޮގުކޮށްފި

ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން އިސްލާމް ދީނާ ދެކޮޅަށް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން މިޑްފީލްޑަރު ޕައުލް ޕޮގްބާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭ ކަމަށް ނޫސްތަކުގައި ގެނެސްދީފައިވާ ވާހަކަތައް ޕޮގްބާ ދޮގުކޮށްފިއެވެ.
އިސްލާމް ދީނަކީ ހަރުކަށު ފިކުރުގެ ދީނެއް ކަމަށާއި އިސްލާމް ދީނުގައި އަނިޔާވެރިވުން ގިނަ ކަމަށް ވިދާޅުވެ މެކްރޯން ފާޅުގައި ދެއްކި ވާހަކަފުޅާ ގުޅިގެން މުސްލިމު ގައުމުތަކުން ދަނީ ފްރާންސާ ދެކޮޅަށް ބޮޑެތި މީސް މީޑިއާ ކެމްޕޭނުތައް ހިންގަމުންނެވެ. މެކްރޯން އެފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވީ ފްރާންސްގެ ސްކޫލް ޓީޗަރަކު ކީރިތި ރަސޫލާއަށް ޖޯކު ޖަހައި ކާޓޫން ކުރެހިި މައްސަލަ ހޫނުވެ، ބަޔަކު އެ ޓީޗަރު މަރާލުމާ ގުޅިގެންނެވެ. މެކަރޮން ވަނީ އިސްލާމްދީނަކީ ކާރިސާއެއްގައި އޮތް ދީނެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.
ފްރާންސްގެ ރައީސްގެ ދެއްކެވި ވާހަކަފުޅާ ގުޅިގެން އަރަބި އިސްލާމީ ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގައި ވިއްކާ ފްރާންސުގެ ޕްރޮޑަކްޓްތައް ވިއްކުން ހުއްޓާލައިފައެވެ. ފްރާންސްގެ ޕްރޮޑަކްޓުތައް ބޮއިކޮޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ކުވައިތާއި ސައުދީގެ އިތުރުން ޖޯޑަން އާއި ގަތަރުވެސް ހިމެނެއެވެ. މި ގައުމުތަކުގެ ގިނަ ވިޔަވާރިވެރިން ވަނީ އެމީހުންގެ ފިހާރަތަކުގެ ޑިސްޕްލޭއިން ފްރާންސްގެ ޕްރޮޑަކްޓުތައް ނަގައި ހުސްކޮށްފައެވެ.
ފްރާންސްގެ ރައީސްގެ އެ ވާހަކަފުޅުތަކާ ގުޅިގެން އަރަބި ނޫހަކާ ހަވާލާދީ އިނގިރޭސިވިލާތުގެ "ދަ ސަން" އިން ރިޕޯޓު ކުރީ ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެ ހަބަރު ފެތުރިގެން ދިޔުމާއެކު ޕޮގްބާ ވަނީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް، އެ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ބުނެފައެވެ. ޕޮގްބާ ބުނެފައިވަނީ އެފަދަ ހަބަރުތައް ފެތުރުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.
ފްރާންސްގެ ގައުމީ ޓީމަށް 72 މެޗު ކުޅެދީފައިވާ ޕޮގްބާގެ މަންމައަކީ މުސްލިމެއް ނަމަވެސް، އޭނާގެ ޅަ ދުވަސްވަރު ދީނަށް މާބޮޑު އަހައްމިއްޔަތު ކަމެއް ދީފައެއް ނުވެއެވެ. ފަހުން ޕޮގްބާ އިސްލާމަށް ދީނަށް ވަދެ، ވަރަށް ބޮޑަށް ދީނީ ކަންކަމަށް ސަމާލުކަން ދޭކަން ވަނީ ފާހަގަވެފައެވެ. ސީޒަން ނިންމާލުމަށްފަހު މައްކާއަށް ގޮސް އުމްރާ ކުރުން ފަދަ ކަންކަމުގެ އިތުރުން މެޗުތަކުގެ ކުރިން ޕޮގްބާ ދުއާ ކުރާތަންވެސް ވަނީ ފެނިފައެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ޕޮގްބާއަކީ ފްރާންސް ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު އެގައުމުން ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކުރި ޕޮގްބާ ވަނީ 2016 ވަނަ އަހަރު ގައުމީ ޓީމާއެކު ޔޫރޯގެ ރަނަރަޕްކަން ވެސް ހޯދައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ