އިންޑިއާގެ ރައްޔިތުން އެންމެ އިތުބާރު ކުރާ ބްރޭންޑަކަށް އަމީތާބް

އިންޑިއާ މީހުން އެންމެ އިތުބާރު ކުރާ، އެންމެ ޝާހީކަމަށް ފެންނަ އަދި އެންމެ ގަދަރު ކުރާ ސްލެބްރިޓީ ބްރޭންޑް އެންޑޯޒާ އަކަށް އަމީތާބް ބަޗަން ހޮވިއްޖެއެވެ.
އަމީތާބަށް މި ޝަރަފުވެރި ލަގަބު ލިބުނީ އިންޑިއަން އިންސްޓިޓިއުޓް އޮފް ހިއުމަން ބްރޭންޑްސް (އައިއެޗްބީ) އިން އަލަށް އެގައުމުގައި ކުރި ދިރާސާއަކުންނެވެ.
"ޓިއާރާ" ރިޕޯޓުގެ ނަންދީފައިވާ އެދިރާސާގައި އެކި ތަރިންނާ ދޭތެރޭ މީހުންނަށް އޮންނަ އިތުބާރާއި އެތަރިންނަށް ދޭ ގަދަރާއި އެމީހުނަށް ދޭ ޝައުގުވެރިކަމަށް އަލިއަޅުވާލައިފައި ވެއެވެ. މި ދިރާސާގައި އިންޑިއާގެ 23 ސިޓީ އަކުން 60،000 މީހުން ވަނީ ބައިވެރިވެފައެވެ.
އައިއެޗްބީގެ ޗީފް މެންޓާ ސަންދީޕް ގޯލަބް ބުނި ގޮތުގައި 78 އަހަރުގެ އަމީތާބަށް ވަނީ އޭނާއަށްވުރެ އުމުރުގެ ގޮތުން 50 އަހަރު ހަގު ތަރިންނަށްވުރެވެސް މަތިން މާކްސް ލިބިފައެވެ. އަމީތާބް ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި އެހާބޮޑަށް ވިދާލި ކަމަށް ބޮޑަށް ބެލެވެނީ "ކޯން ބަނޭގާ ކްރޯޑް ޕަތީ" އިން ކަމަށް ސަންދީޕް ވަނީ ބުނެފައެވެ. އެޝޯގެ ސަބަބުން އިޝްތިހާރުގެ ދުނިޔޭގައި ތަރިންގެ މަގުބޫލުކަން އިތުރުވެގެން ގޮސްފައިވާކަން ސަންދީޕް ފާހަގަކުރިއެވެ.
"ފާއިތުވި 10 އަހަރު ކޮމިއުނިކޭޝަންގެ ގޮތުގައި ތަރިން ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މިހާރު 500 އަށްވުރެ ގިނަ ބްރޭންޑް ވަނީ އެކިތަރިން ބޭނުންކޮށް އެންޑޯސް ކޮށްފައި" ސަންދީޕް ބުންޏެވެ.
ޓިއާރާ ރިޕޯޓުން އެކި ބްރޭންޑްތަކަށް އެންޑޯސްކުރުމަށް ތަރިން ހޮވުމަށް އިތުރަށް އެހީތެރިވެދޭނެ ކަމަށްވެސް ސަންދީޕް ފާހަގަކުރިއެވެ. މި ދިރާސާގައި 180 ތަރިން ވަނީ ބޭނުން ކޮށްފައެވެ. އެއީ ބޮލީވުޑްގެ 69 ތަރީންނާއި 67 ޓީވީ ތަރީންނާއި 37 ކުޅުންތެރީންނާއި 7 ޕަވާ ކަޕަލްއެވެ.
މި ދިރާސާއިން އިތުރަށް ދައްކާފައިވާގޮތުގައި އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާތު ކޯލީ އަކީ އެންމެ ޓްރެންޑީ، ރީތި، ސްޓައިލިޝް، ބިރުކުޑަ އަދި ޗާމިން ސްލެބްރިޓީ ބްރޭންޑްއެވެ. އެންމެ ހިތްދަމައިގަންނަ ބްރޭންޑެއްގެ ގޮތުގައި އާލިއާ ބަޓް އަށް ވަނީ އެންމެ މަތިން މާކްސް ލިބިފައެވެ.
މި ދިރާސާފައި އަކްޝޭ ކުމާރާއި ދީޕިކާ ޕަޑުކޯން އަދި އިންޑިއާގެ ކުރީގެ ކްރިކެޓް ކެޕްޓަން އެމްއެސް ދޯނީ އާއި އަޔުޝްމަން ކުރާނާއަށް ވެސް އެކި ކެޓަގަރީތަކުންވަނީ މަތިން މާކްސް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ