މަސްތުވާތަކެތީގެ ފައިސާ ބޭނުންކުރުމުން މަނީ ލޯންޑަރިންގެ ދައުވާ

މަސްތުވާތަކެތި އަތުލައިގަނެ އެތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައި، އެކަމުގައި ޝާމިލުވާ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމް އޭނާގެ އަމިއްލަ ބްލޮގުގައި 2020 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން، ސިޔާސަތަށް ގެނައި ބަދަލަކާއިއެކު މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާ ‘ދޮންނަ’ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް، ޤާނޫނު ނަންބަރު 10/2014 (މަނީލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަކީ، އެކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭ ކުށެކެވެ. އެޤާނޫނުގެ ދަށުން، މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި، އެމީހުންގެ އަނބިންނާއި ފިރިންނާއި، ގާތްތިމާގެ މީހުންވެސް، ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެނަމަ ދައުވާ ކުރެވެއެވެ. މަސްތުވާތަކެތީގައި އަތްލުން ލާޒިމެއް ނޫނެވެ. މިހާތަނަށް ބައެއް މީހުންނަށް ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި އަތް ނުލާނަމަ، ކުށްވެރި ނުވާނެ ކަމަށެވެ.
- ޕީޖީ ހުސައިން ޝަމީމް
ޝަމީމް ވިދާޅުވީ މަނީ ލޯންޑްރިންގެ ކުށަކީ އާދައިގެ ކުށެއް ނޫން ކަމަށެވެ. އެގޮތުން ގާނޫނުގައި ބުނާ ގޮތުންނަމަ ކުށްކޮށްގެން ހޯދާ މުދާ މާނަކޮށްދީފައިވަނީ، ކުށްކޮށްގެން ހޯދާ ފައިސާ ނުވަތަ މުދަލާއި، އެފައިސާ ނުވަތަ މުދަލުން ހޯދާ ނުވަތަ ބަދަލުކޮށްފައިވާ މުދަލާއި، އެ މުދާ އިންވެސްޓްކޮށްގެން ލިބޭ މުދާވެސް ހިމަނައިގެނެވެ. އެހެންކަމުން މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން ފިހާރައެއް ހުޅުވާފައި ހުރިނަމަ، އެފިހާރައަކީވެސް މިޤާނޫނުގެ ދަށުން ދައުލަތަށް ނެގޭނެ މުދަލެއް ކަމަށް ޝަމީމް ވަނީ ލިޔުއްވައިފަ އެވެ.
ޝަމީމް ވިދާޅުވީ މިބާވަތުގެ ފުރަތަމަ މައްސަލައިގައި 18 މާރިޗު 2021 ގައި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެއީ ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠްއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ޙަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމް، 12 ޖަނަވަރީ 2021 ވަނަ ދުވަހު އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގަ އެވެ. އެމައްސަލައިގައި، އިސްމާޢީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި ޙަސަން ރަޝީދާއި . ޙަސަން ލޫޠުގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވާނީ ހުށަހަޅާފައި ކަމަށް ޝަމީމް ވިދާޅުވި އެވެ.
މިއީ ޕްރޮސިކިއުޝަންގެ ސިޔާސަތަށް ގެންނަ ބަދަލެކެވެ. ޤާނޫނުން ހުއްދަކުރާ ބަދަލެކެވެ. ޤާނޫނަށް ބަދަލު ގެނެސްގެން ކުރެވެން ހުރި ކަންކަން އިހަށް އަދި ބަހައްޓާފައެވެ. މަސްތުވާތަކެއްޗާބެހޭ މައްސަލައަށް ޖުމްލަ ޙައްލެއް ގެނެވޭނީ، މިދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކުން އެއްކޮށް، ބާރަށް މަސައްކަތް ކޮށްގެންނެވެ. އެމަސައްކަތް، ނައިބް ރައީސްގެ ބެއްލެވުމުގެ ދަށުން އެބަ ކުރިއަށް ދެއެވެ. މިމަސައްކަތުގައި އެން.ޖީ.އޯތަކާއި ޢާންމުންގެ ބައިވެރިވުންވެސް ބޭނުންވާނެއެވެ.
- ޕީޖީ ހުސައިން ޝަމީމް
ޝަމީމް ވިދާޅުވީ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޖިނާއީ ޢަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު ފޯކަހަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަޞްލު ‘ވިޔަފާރިވެރިން’ ފަހަތުން ދިއުމަށް ހެދުން ކަމަށެވެ. އަދި އެމީހުންގެ ވިޔަފާރިތަކާއި، ވެހިކަލްތަކާއި، އެނޫންވެސް ހުރިހާ މުދަލެއް، މަނީ ލޯންޑްރިންގ ޤާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުމަކީވެސް ގެނައި ބަދަލުގެ ބޭނުމެއް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ