ސަރުކާރުގެ ސިޔާސަތަކީ މާލެއާއި އެއް ފެންވަރަށް އަތޮޅުތަކުން ވެސް ޚިދުމަތް ފޯރުކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ

މި ސަރުކާރުގެ ސިޔާސަތަކީ މާލެއާއި އަތޮޅުތަކުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ދިނުމުގައި މާލެއާއި އެއް ފެންވަރަކަށް އަތޮޅުތަކުން ވެސް ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމް ތަޢާރަފުކުރުމާއި، ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދު އިފްތިތާޙުކުރެވުނު ސްކީމަކީ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން އެކި އެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީއާއި، ސްޕީޗް ތެރަޕީގެ ދާއިރާއިން މަތީ ތަޢުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ތަޢާރަފުކުރެވުނު ސްކީމެކެވެ. މި ސްކީމްގެ ސްކޮލަރޝިޕްތައް ސްޕޮންސަރކޮށްފައި ވަނީ ބައެއް ސަރުކާރު ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ތެރަޕިއުޓިކްގެެ ދާއިރާއަކީ ޑިމާންޑް އޮތް ނަމަވެސް ޒަމާނުއްސުރެ އަޅާނުލެވި އޮތް ދާއިރާއެއް ކަމަށާއި، އެ ދާއިރާއިން މީހުން ބިނާކުރުމަށް މިއަދު މި ތަޢާރަފުކުރެވުނު ސްކީމްގެ ސަބަބުން ޚާއްޞަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ގިނަ ޢާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ވަޢުދުކަން ފާހަގަކުރައްވައި، ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ކްލިނިކަލް ސައިކޮލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ސްޕީޗް ތެރަޕީގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެހެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ޤާއިމުކޮށްފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" ފަދަ ސެންޓަރެއް ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމުގައެވެ. އަދި، އެމަނިކުފާނު ވަނީ މިފަދަ ސެންޓަރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައިވެސް ކައިރި މުސްތަޤްބަލެއްގައި ޤާއިމުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި އިޖްތިމާޢީ މިފަދަ ކަންކަމުގައި ނަތީޖާ ނެރެވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި، އެއީ އެންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫންކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ