އޭލެވެލް އިމްތިހާނު މިއަަހަރުގެ މެއި/ޖޫންގައި ކުރިއަށްދާނެ!

މީގެކުރިންވެސް ރޭވިފައިވާ ގޮތާއި އެއްގޮތަށް މިއަހަރުގެ މެއި/ޖޫންގައި ދިވެހިރާއްޖޭގައި އޭލެވެލް އިމްތިހާނު ކުރިއަށްދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިހާރު ހަމަޖެހިފައިވާގޮތުން ހުރިހާ ދަރިވަރުންވެސް މެއި/ޖޫންގައި އޭލެވެލް އަދި އޭއެސް އިމްތިހާނުގައި ބައިވެރިވާނެކަމަށާއި، އެ ދަރިވަރުން ހެދުމަށް ހަމަޖެހިފައިވަނީ އެޑެކްސެލްގެ އިމްތިހާނެެއްކަމަށެވެ. މި އިމްތިހާނުތައް މާކްކޮށް، ސެޓްފިކެޓް ދިނުމަށްވެސް ހަމަޖެހިފައިވަނީ ހަމަ އެޑެކްސެލްގެ ފަރާތުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅުގައި އެޑެކްސެލް/ޕިއާސަންގެ ފަރާތުން ވަނީ މެއި/ޖޫންގައި އޭލެވެލް އަދި އޭއެސް އިމްތިހާނުތައް ނުބާއްވާނެކަމަށް ބުނެފައެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމްތިހާންތަކުގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށް ގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށް ޕިއާސަންއާ އެކު މަޝްވަރާކޮށްފައެވެ.
އަދި އެޑިއުކޭޝަނުން ވަނީ އޭ.އެސް/އޭ ލެވެލް އިމްތިހާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދިއުމަށް ސުކޫލުތަކާއި އަމިއްލަ ގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް އަންގާފައެވެ.
ދިވެހިރާއްޖޭގައި މިފަހަރު މި ހަދާ މެެއި/ޖޫން އިމްތިހާނުގައި ބައިވެރިވާން އެޕްލިކޭޝަން ހުށައެޅުމުގެ ފަހު މުއްދަތަކީ މާޗް 11އެވެ. މިފަހަރު ލޭޓް އެންޓްރީއަށް ފުރުސަތެއް ނޯންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މި އިމްތިހާނުތަކުގެ ނަތީޖާ އޮގަސްޓް 10ގައި ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިފަހަރުގެ ޕޭޕަރުތައް މާކްކުރާނީ ހާލަތަށް ރިއާޔަތްކޮށް ލުއިގޮތަކަށެވެ.
މީގެ އިތުރުން ކަނޑައެޅިފައިވާ ގޮތަށް މިއަހަރުގެ ޖޫންމަހުގެ ފަހުކޮޅު ދިވެހިރާއްޖޭގައި އެޗްއެސްސީ އިމްތިހާނު އޮންނާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ