ރާއްޖެއާ ލެސޯތޯއާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމް ކޮށްފި

ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން އިއްޔެ ބާއްވާފައިވާ ކަމަށެވެ.
ދެގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަން ކަމަށެވެ.
އަދި ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެގައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާއެކު ދެގައުމު ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
2.12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލެސޯތޯއަކީ އެގައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނަ ލޭންޑް ލޮކްޑް ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ