ފޯމިއުލާ ވަންގެ ޑްރައިވަރުންތަކެއް ރާއްޖެ އަންނަނީ

ފޯމިއުލާ ވަންގެ ޑްރައިވަރުންތަކެއް ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އިއްޔެ ވިދާޅުވި އެވެ.
ސިންގަޕޫރުގެ ފޯމިއުލާ ވަން ރޭސް ބައްލަވާލެއްވުމަށް އެގައުމުގައި ހުންނަވައި "ހަވީރާ" ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ރޭހުގައި ބައިވެރިވާ ތިން ޑްރައިވަރަކު ޗުއްޓީ އަށް ރާއްޖެ އައުމަށް ބުކިން ހަދާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ ދުނިޔޭގެ އެންމެ މަޝްހޫރު މީހުން ރާއްޖެ އަށް ގެނެވޭތޯ. އެގޮތުން ރާއްޖޭގެ ޕްރޮމޯޓްކުރަން ހާއްސަ މަސައްކަތްތަކެއް މިހާރު ވެސް ފެށިގެން ކުރިޔަށް އެބަ ދޭ،" އަދީބު ވިދާޅުވި އެވެ.
ސިންގަޕޫރުގައި މިރޭ ނިމޭ ފޯމިއުލާ ވަން ރޭހުގައި މެކްލަރެން މާސެޑީޒްގެ ޑްރައިވަރު ލެވިސް ހެމިލްޓަން އާއި ރެޑްބުލް ރިނޯލްޓް ޑްރައިވަރު މާކް ވެބާ އާއި ފެރާރީގެ ޑްރައިވަރު ފެނާންޑޯ އަލޮންސޯ އަދި ރެޑްބުލްގެ ޑްރައިވަރު ސެބެސްޓިއަން ވެޓެލް ފަދަ މަޝްހޫރު ޑްރައިވަރުން ވާދަކުރި އެވެ. އެކަމަކު އެ ޑްރައިވަރުންގެ ތެރެއިން އަންނަނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. އަދި އެމީހުން މިވަގުތު ރާއްޖޭގައި ތިބި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ޓޫރިޒަމް މިނިސްޓްރީއަކުން ނުބުނެ އެވެ.
ދުނިޔޭގެ އެކި ކުޅިވަރުގެ ވަރަށް މަޝްހޫރު ތަރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އައުމަކީ އާންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ