ކުޑަހުވަދޫ އަތުން ތިނަދޫ އަށް ޕޮއިންޓެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ހަތަރަކަށް އަރަން މިއަދުގެ މެޗަށް ނުކުތް ގދ. ތިނަދޫ ލަނޑެއް ނުޖެހި ދ. ކުޑަހުވަދޫއާ 0-0 އިން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
ތިނަދޫގެ ކޯޗުކަމުން ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް ލީގުގެ ފުރަތަމަ ބުރަށް ފަހު ވަކިކުރުމުން އަލީ ސުޒޭން ހަވާލުވީ ލީގުގެ ދެ ވަނަ ބުރުގަ އެވެ. ސުޒޭންގެ ކޯޗުކަމުގައި ތިނަދޫ ކުޅުނު ފުރަތަމަ މެޗުން ޓީސީ އަތުން ވަނީ 3-2 އިން ބަލިވެފަ އެވެ. މިއަދުގެ މެޗުން ކުޑަހުވަދޫއާ އެއްވަރުވުމުން އެ ޓީމަށް ވަނީ ސުޒޭންގެ ކޯޗުކަމުގައި ފުރަތަމަ ޕޮއިންޓް ލިބިފަ އެވެ.
ތިނަދޫ ފަސް ވަނައިގައި އޮތީ ނުވަ މެޗުން 11 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ ރޭ ނިއު ރޭޑިއަންޓް އަތުން ބަލިވި ގްރީން ސްޓްރީޓްސް އެވެ. އެ ޓީމަށް ނުވަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ލީގުގެ އެންމެ ފުލުގައި ކުޑަހުވަދޫ އޮތީ މެޗަކުން މޮޅުނުވެ ކުޅުނު ނުވަ މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ.
ސަސްޕެންޝަނުގެ ސަބަބުން މިއަދުގެ މެޗުގައި ތިނަދޫ އަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު ނުކުޅެ އެވެ. މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކީ ތިނަދޫ އިންނެވެ. މި ގޮތުން މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމުގެ އަހުމަދު ރިޒުވާން (ރިޒޭ) ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ.
އޭގެ ފަހުން މެޗުގެ 27 ވަނަ މިނިޓްގައި ރިޒޭ އާއި އިބްރާހިމް މުބީން (މުއްކި)ގުޅިގެން އުފެއްދި އެޓޭކެއްގައި އޭރިއާ ތެރޭގައި ހުސްކޮށްހުރެ މުހައްމަދު ރިސްވާން ފޮނުވާލި ބޯޅަ ކުޑަހުވަދޫ ގޯލްކީޕަރު އަބްދުﷲ ޔަޒީދު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 35 ވަނަ މިނިޓްގައި ކުޑަހުވަދޫ އިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ބޭރުން ކުޑަހުވަދޫގެ އަފޮންޖާ ޖިބޯލާ ފޮނުވާލި ބޯޅަ ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޯލުގެ ކަނާ ދިމާއަށް ދިޔަ ނަމަވެސް ތިނަދޫގެ ކީޕަރު ޒަނިބޭކޯވް ރުސްލާން ވަނީ މަތަކޮށްފަ އެވެ.
ތިނަދޫ އަށް ލީޑުނަގައިދޭން މެޗުގެ 38 ވަނަ މިނިޓްގައި ރިޒޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ރިސްވާން ނަަގައިދިން ބޯޅަ ތިނަދޫގެ ކޮލަމްބިއާ ފޯވާޑް ހޯސޭ އަވީލާ އަށް ފޮނުވާލަން ލިބުނު ނަމަވެސް އޭނާ ލަސްކޮށްލުމުން އެ ބޯޅަ ދެ ވަނަ ފަހަރަށް ލިބުނީ ރިޒޭ އަށެވެ. ހުސްކޮށް އޮތް ގޯލަށް ރިޒޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ދެ ވަނަ ހާފް ފަށައިގެން ވެސް ތިނަދޫ އިން ދިޔައީ ކުރިއަށް ޖެހިގެން ކުޑަހުވަދޫ އަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން ފުރަތަމަ ތިން މިނިޓް ތެރޭގައި މުއްކި އާއި އަވީލާ ފޮނުވާލި ދެ ހަަމަލާ ދިޔައީ ގޯލާ ސީދާނުވެ އެވެ.
ތިނަދޫ އިން ވަނީ މެޗުގެ 57 ވަަނަ މިނިޓްގައި މުއްކިގެ ބަދަލުގައި އަންސަރު އިބްރާހިމް (އަަންކޮ) ކުޅެން އަރުވައިފަ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން ރިސްވާންގެ ބަދަލުގައި އަލީ ހައިޝަމް (ޗުމްޕު) ކުޅެން އެރުވި އެވެ.
ކުޑަހުވަދޫގެ އިރުފާން (ކ) ކައިރިން ތިނަދޫގެ އާދިލް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ހާފުގައި ވެސް ތިނަދޫ އިން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުނީ އެންމެ ފަހު ޕާސްތައް ގޯސްވުމުންނެވެ.
މެޗުގެ 73 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަންކޮ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އެ ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލަން އަންކޮ އަށް ވަގުތު ލިބިފައި އޮތް ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އޭގެ ފަހުން އަންކޮ ފޮނުވާލި ހިލޭ ޖެހުމެއް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ކީޕަރު ޔަޒީދު ވަނީ މަތަކޮށްފަ އެވެ.
މެޗަށް ފަހު ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މި ޕޮއިންޓަކީ ލިބުނު ހިތްވަރެއް ކަމަށެވެ.
"ވަރަށް ގިނަ ދުވަހަށް ފަހު ޕޮއިންޓެއް މި ލިބުނީ. ހަގީގަތުގައި މޮޅުވެގެން ތިން ޕޮއިންޓް ހޯދަން ކުޅެގެން ޕޮއިންޓެއް ނުލިބުމަށް ވުރެން މި މެޗުގައި އެއް ޕޮއިންޓް ލިބުމުން އެއީ ކުރިއަށްދާން ހުރިހާ ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ ހިތްވަރެއް. ވަރަށް ބުރަކޮށް މި ކުޅުންތެރިން މަސައްކަތް ކޮށްފި،" މޯހަން ބުންޏެވެ.
ސުޒޭން ބުނީ މި މެޗުން މޮޅެއް ނުލިބުނީ ލިބުނު ފުރުސަތުތައް ގޯލަކަށް ހަދައިނުލެވުމުން ކަމަށެވެ.
"މިއަދު އެންމެ ބޮޑު މައްސަަލަ އަކީ ލިބުނު ފުރުސަތުތައް ނިންމައި ނުލެވުން. ހަގީގަތުގައި ފުރަތަމަ ހާފުގައި ލިބުނު ބޯޅަތައް ގޯލަކަށް ހަަދައި ނުލެވުމުން އެކަމުގެ ސަބަބުން ދެ ވަނަ ހާފް ވެސް ދިޔައީ ވަރަށް ދަށްކޮށް. ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ވެސް ދަށްވީ އެހެންވީމަ،" ސުޒޭން ބުންޏެވެ.
އޭނާ ވަނީ މުބާރާތުގެ ބައެއް ކަންތައްތައް ރޭވިފައި ހުރި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
"އެއްގޮތަކަށް ވެސް މޮޅުނުވީމަ ޝަކުވާ ކުރަނީއެއް ނޫން. ހަގީގަތުގައި ޕްރިމިއާ ލީގެއް ވެއްޖިއްޔާ އެބަޖެހޭ ރެފްރީން ވެސް އެ ފަދަ ލެވެލަކަށް މަސައްކަތް ކުރަން. މެޗު ލަސްކުރަން އެއް ޓީމުން މަސައްކަތް ކުރާއިރު މެޗު އަވަސް ކުރަން އުޅުމަކީ ކޯޗުގެ ޒިންމާއެއް. މިއީ ތިނަދޫ މޮޅުވާން މަޖުބޫރު މެޗެއް ވީމަ މޮޅުވާން ކުޅުނީ. އެކަމު ދެން އޮތް ޓީމު (ކުޑަހުވަދޫ) އަށް އެ ގޮތެއް ނޫން. ދެން ދަނޑަށް އައިއިރު ޗޭންޖިން ރޫމު ކައިރީގައި މަސައްކަތްތަކެއް ކުރީތީ ކުޅުންތެރިންނަށް އަޑުގަދަ ވުމުން ކިރިޔާ ތިބެވެނީ. އެކަަމު މިއީ އެއް ނޫން މިމެޗުގެ މައްސަލަ އަކީ. ލިބުނު ފުރުސަތުތަކުން ގޯލެއް ނުޖެހުން،" ސުޒޭން ބުންޏެވެ.
ތިނަދޫ އަށް މި މެޗުގެ ތިން ޕޮއިންޓް ނުލިބުމުން ގަދަ ހަތަރެއްގެ ދޮރު އެއްކޮށް ބަންދުވީ ކަމަށް ގަބޫލުނުކުރާ ކަމަށާއި އަދިވެސް އެ ޓީމުގެ ފެންވަރުގައި ކުޅެފިނަމަ ގަދަ ހަތަރަކަށް ވަދެވޭނެ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ