ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވައި ޕީޕީއެމަށް

އިދިކޮޅު ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނިމާލް ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، މިހާރު އުފައްދަން މަސައްކަތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާގެ ޑީއާރުޕީގެ ގޮނޑި އަށް ވާދަކުރެއްވި ނިމާލް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުން މި އިސްތިއުފާ ދެއްވީ އެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ ތިން މަސް ދުވަސް ފަހުންނެވެ. އޭނާ ސެކްރެޓަރީ ޖެނެރަލް ކަމާ ހަވާލުވެ ވަޑައިގަތީ ޖުލައި 1 ގަ އެވެ.
ނިމާލަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުން އިސްތިއުފާ ދެއްވި ދެވަނަ ބޭފުޅާ އެވެ. ނިމާލްގެ ކުރިން އެ މަގާމުގައި ހުންނެވި އަބްދުއްރަޝީދު ނާފިޒް ވަނީ އަހަރެއްހާ ދުވަހަށް ފަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ނާފިޒް ވެސް ވަނީ މީގެ 10 ވަރަކަށް ދުވަސް ކުރިން ޕީޕީއެމް އަށް ސޮއިކުރައްވާފައި ކަމަށް އެ ޕާޓީން ބުނެ އެވެ.
ޑީއާރުޕީން ވަކިވުމުގެ ސިޓީ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ފޮނުވުމަށް ފަހު "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ނިމާލް ވިދާޅުވީ އޭނާ ޕާޓީން ވަކިވެ ވަޑައިގަތީ ޑީއާރުޕީގެ ލީޑަޝިޕާ މެދު އެއްވެސް މައްސަލައެއް ދިމާވެގެން، ނުވަތަ ހިޔާލު ތަފާތުވުންތަކެއް ވެސް ހުރެގެން ނޫން ކަމަށެވެ.
"މިހާތަނަށް ފެންނަ ފެނުމުގައި އަޅުގަނޑަށް ޔަގީން ކުރެވުނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ގާބިލްކަން ހުންނާނީ ޕީޕީއެމްގައި ކަން. އިދިކޮޅު ފަރާތްތަކުގެ ތެރެއިން، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފެންވަރާއި އެ ފިކުރު އެންމެ ބޮޑަށް ހުރީ ޕީޕީއެމްގައި ކަން އަޅުގަނޑަށް ވިސްނުނީ. ޕީޕީއެމްގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ އެ އަޒުމާއި އެ ގޮތަށް މަސައްކަތް ކުރުމުގެ ވިސްނުން ވަރަށް ބޮޑަށް އެބަހުރި ކަމަށް އަޅުގަނޑަށް ފެނުނީ. މި ސަރުކާރުގައި ހުރި މައްސަލަތަކާއި ރައްޔިތުންނާ މެދު ސަރުކާރުން ހިންގާ ނޭދެވޭ އަމަލުތަކުން އެންމެ ބޮޑަށް ސަލާމަތް ކުރެވޭނީ ޕީޕީއެމް އިން،" ނިމާލް ވިދާޅުވި އެވެ. "އަޅުގަނޑާ ތަސްމީނާ ދެމެދު އެއްވެސް މައްސަލައެއް އޮވެގެނެއް ނޫން ޑީއާރުޕީން މި ވަކިވީ."
ނިމާލް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ "ދަންމަރާ" އެކު މަސައްކަތް ކުރާ ބަޔަކަށެވެ. މައުމޫން އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕީއެމަށް ސޮއިކުރެއްވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ނިމާލް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ގައުމުގައި މިހާރު ސިޔާސީ ގޮތުން ހުންނެވި އެންމެ ދުރު ވިސްނޭ ބޭފުޅަކީ ރައީސް މައުމޫން. ރައީސް މައުމޫން އިސްވެ ހުންނަވައިގެން އިންތިހާބުގައި މަސައްކަތް ކުރެވިއްޖިއްޔާ ކާމިޔާބުވާނެކަން އަޅުގަނޑަށް ޔަގީންކަން އެބައޮތް،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާފަންނު ދެކުނު ދާއިރާގައި ތިބި ހެޔޮ އެދޭ ފަރާތްތަކުން ވެސް އެދެމުން ދަނީ ޑީއާރުޕީގެ ބަދަލުގައި އޭނާ ޕީޕީއެމަށް ބަދަލުވެ ވަޑައިގަތުމަށް ކަމަށެވެ.
ޕީޕީއެމްގައި އަދާކުރައްވާނީ ކޮން ދައުރެއްތޯ ދެންނެވުމުން ނިމާލް ވިދާޅުވީ އެ ޕާޓީގެ އޮނިގަނޑުގެ ތެރެއިން ލިބިވަޑައިގަންނަވާ މަގާމެއްގެ ބޭނުން ހިއްޕަވާނެ ކަމަށެވެ.
"ޕީޕީއެމްގައި އެބަތިއްބެވި އަޅުގަނޑަށް ވުރެ ގާބިލް ބޭފުޅުން. އެކަމަކު އެ ޕާޓީގެ އޮނިގަނޑުގެ ތެރެއިން އަޅުގަނޑަށް މަގާމެއްގެ ފުރުސަތު ލިބިއްޖިއްޔާ އެކަމުގައި ކުރިއަށް ދާނަން،" ނިމާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ