ސަރުކާރުގައި ލާދީނީ އެޖެންޑާއެއް އޮތުމަކީ ފެންނަން އޮތް ހަގީގަތެއް: އަދާލަތު

ސަރުކާރުގައި ލާދީނީ އެޖެންޑާއެއް އޮތް ކަމަށް ބުނާ މީހުން އެކަން ސާބިތުކުރަން ޖެހޭނެ ކަމަށް ސަރުކާރުން ބުނާއިރު އެއީ ހުރިހާ ފަރާތްތަކަށް ވެސް ފެންނަން އޮތް ހަގީގަތެއް ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫގައި ބެހެއްޓި ބުދުތައް ނެގުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ލަފާދެއްވާފައިވާއިރު ވެސް އެ ތަކެތި އަދިވެސް ނަގާފައި ނުވާ ކަމަށެވެ. އަދި މަތީ ސާނަވީ ގްރޭޑްތަކުގައި އިސްލާމާއި ދިވެހި އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ހަމަޖައްސަން އުޅުމާއި އަރަބި އިސްލާމީ ތައުލީމު ދޭ މުއައްސަސާތަކަށް ސަރުކާރުން ގޯނާކޮށްފައިވާ ކަމަށް ބުނެ، އެ ގޯނާތަކަކީ ކޮން އެޖެންޑާއެއްގެ ދަށުން ހިންގި ކަންތައްތަކެއްތޯ އަދާލަތުން އެ ބަޔާނުގައި ސުވާލު އުފައްދާފައިވެ އެވެ.
"ދިވެހި ރާއްޖޭގެ ތައުލީމީ މުގައްރަރު ޒަޔަނިސްޓުން ބޭނުންވާ ގޮތަށް ބައްޓަން ކުރުމަށާއި ޒަޔަނިސްޓް 'ހޮލޮކޯސްޓް' ފަލްސަފާ މުގައްރަރުގައި ހިމެނުމަށް އިޒްރޭލާ އެކު އެއްބަސްވެ ސޮއިކޮށްފައިވާ މުހައްމަދު ނަޝީދުގެ ސަރުކާރުން ގައުމީ އާ މަންހަޖެއް އެކުލަވާލުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ބީލަމަށް ހުޅުވާލުމުގެ ވާހަކަ ފެއްޓެވުމުން، މިކަން ދިވެހިން ތަރުޖަމާ ކުރަންވީ ކޮންގޮތަކަށް ބާވައެވެ،" އަދާލަތުގެ ބަޔާނުގައި ސުވާލު އުފައްދާފައިވެ އެވެ. "މި ސަރުކާރުގެ ލާދީނީ އެޖެންޑާއެއް އޮތް ކަމަށް ބުނުމުގެ ޖާގަ ލިބެނީ މިފަދަ ފާޅުކަން ބޮޑު ކަންތައްތަކުންނެވެ. މިކަމުން ބަރީއަވާން ވެގެން އެ ވާހަކަތައް ދައްކާ ފަރާތްތައް ހައްޔަރުކޮށް ބިރުދެއްކުމުން ހަގީގަތް އޮޅުވައެއް ނުލެވޭނެ އެވެ."
މީގެ އިތުރުން ވެސް އަދާލަތުން ބުނީ ރައީސް ނަޝީދު އެކި މުނާސަބަތުތަކުގައި ދައްކާފައިވާ އިސްލާމްދީނާ ފުށުއަރާ ވާހަކަފުޅުތަކާއި އެ ނޫން ވެސް އެފަދަ އެތައް ވާހަކަފުޅުތަކަކީ ރައްޔިތުން އަޑުއަހާފައިވާ އަދި އޭގެ ވީޑީއޯ އާއި އޯޑިއޯ ހެކި ވެސް ހުރި ކަންތައްތަކެއް ކަމަށެވެ.
އަދާލަތުގެ ބަޔާނުގައި ފުލުހުންގެ މުއައްސަސާ އަށް އަލިއަޅުވާލައި ބުނެފައި ވަނީ ފުލުހުންނަށް ހުށަހަޅާފައިވާ ރައީސް ނަޝީދާ ގުޅޭ މައްސަލަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަން ތަހްގީގް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވުމުން އެބޭފުޅާ މަގާމަށް ކުފޫ ހަމަނުވާކަން އެނގޭ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން ބަނދެވިފައި އޮތް މިންވަރު ވެސް އެކަމުން ދޭހަކޮށްދޭ ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެ ޕާޓީން ބުނީ ގައުމުގެ ސަލާމަތީ ކަންތައްތަކާއި އަމާންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފުލުހުންގެ މުއައްސަސާ އިން މަސައްކަތް ކުރަމުން ދަނީ އެމްޑީޕީގެ ގުނަވަނެއްގެ ގޮތުގައި ކަމަށް ބުނެވޭނެ ޖާގަ އޮތް ކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ފަރާތްތަކަށް ޖެއްސުންކުރުމަށް ސަރުކާރުން ބޭނުންކުރާ ހަތިޔާރަކަށް ފުލުހުން ވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދި އެކި ބަހަނާތައް ދައްކައި އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރަމުން ދިއުމަކީ އޭގެ ހެއްކެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ