އެމްޓީޑީސީގެ ބޯޑު ހޮވުމަށް ސަރުކާރުން ވޯޓު ދިނުމަކީ އާންމު ހިއްސާދާރުންގެ މައްޗަށް އަތް ގަދަކުރުން: ޑީއާރުޕީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުން ހޮވުމުގައި ސަރުކާރުން ވޯޓު ދިނުމަކީ އާއްމު ހިއްސާދާރުންގެ މައްޗަށް "އަތް ގަދަ ކުރުން" ކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި އެވެ.
އެ ޕާޓީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި އެކަން ކުށްވެރި ކުރަމުން ބުނެފައި ވަނީ އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުން ހޮވުމުގައި ސަރުކާރުން ބައިވެރިވުމުން އާންމު ހިއްސާދާރުން އެވޯޓުގައި ބައިވެރިވުމަކީ ނަތީޖާއަށް އެއްވެސް ބަދަލެއް އަންނާނެ ކަމަކަށް ނުވާހިނދު، މީގެކުރީ އަހަރުތަކުގައިވެސް ސަރުކާރުން މިވޯޓުގައި ބައިވެރި ނުވާ ކަމަށެވެ. އެހެންކަމުން މިއަހަރުގެ ވޯޓުގައި ސަރުކާރުން ބައިވެރިވުމަކީ "އާންމު ހިއްސާދާރުންގެ މައްޗަށް ސަރުކާރުގެ އަތް ގަދަކުރުން ނޫން އެހެން ގޮތަކަށް މިކަން މާނަ ނުކުރެވޭނެ ކަމެއް ކަމުގައި" ދެކޭ ކަމަށް ޑީއާރުޕީން ބުންޏެވެ.
އެ ޕާޓީން އަދި ބުނެފައި ވަނީ ސަރުކާރުން ވޯޓުގައި ބައިވެރިވެ ހޮވި ޑިރެކްޓަރުންގެ ތެރޭގައި، މިވަގުތު ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ދަރިއަކު ހިމެނުނު ކަމީ، "މިފަދަ އަމަލެއް ސަރުކާރުން ހިންގެވުމުގެ ބޭނުމަކީ ވަކި މީހެއްގެ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ކުރެއްވި ނާތަހުޒީބު އަމަލެއްގެ ގޮތުގައި ބެލެވޭ އަދި ތުހުމަތުކުރެވޭ ކަމެއް" ކަމަށެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ބޯޑަށް ރޭ ހޮވުނު ބޭފުޅުންގެ ތެރެއިން މުހައްމަދު އަޒުމަތަކީ ރައީސް އޮފީހުގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމްގެ ދަރިކަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ