ރައީސްގެ އެޑްވައިޒަރު ކަމުން ޑރ. ހަސަން އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރުކަމުގެ މަގާމުން ޑރ. ހަސަން ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ. ރައީސް މުހަންމަދު ނަޝީދުގެ ހާއްސަ މުޝީރު ކަމުގެ މަގާމުން ޑރ. ހަސަން އިސްތިއުފާ މި ދެއްވީ ނަޝީދުގެ ސަރުކާރަށް މިއަދަށް 100 ދުވަސް ވީ ދުވަހު އެވެ.
މިދިޔަ ނޮވެމްބަރު 11 އިން ފެށިގެން ސްޕެޝަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓުގެ މަގާމު ފުރުއްވަމުން ގެންދެވި ކުރީގެ ބަންޑާރަ ނައިބު އަދި ރިޔާސީ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވި ޑރ. ހަސަން މިއަދު ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އެޑްވައިޒަރެއްގެ ހައިސިއްޔަތުން ރައީސަށް އަރުއްވަން ޖެހޭ މަޝްވަރާތައް އެރުއްވުމަށްޓަކައި އެކަން ކުރެވޭނެ އެންމެ އެދެވޭ އިންތިޒާމުތަކެއް މިއަދާ ހަމައަށް ވެސް ހަމަޖައްސަވައި ދެއްވައިފައެއް ނުވެ އެވެ. އަދި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ ސަރުކާރަކީ ކާމިޔާބު ސަރުކާރަކަށް ހެއްދެވުމަށްޓަކައި އެއްވެސް ކަހަލަ އުޖޫރައެއް ނެތި އެޑްވައިޒަރެއްގެ ހައިސިއްޔަތުން އެކި ކަންކަމުގައި މަޝްވަރާ އަރުއްވާފައިވާނެ ކަމަށެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން ނުހަނު ބޮޑެތި އިގުތިސޯދީ، އިޖުތިމާއީ، ދުސްތޫރީ އަދި ގާނޫނީ މައްސަލަތައް ރައްޔިތުންގެ މަސްލަހަތާއި އަދި ރާއްޖޭގައި ހެދިފައިވާ ގާނޫނާ ފުށުއަރާ ގޮތަށް ނިންމެވުމުން ނުވަތަ ނިންމަވަން ގަސްދުކުރައްވާކަން އެނގުމުން އެއާ ފުށުއަރާ ގޮތަށް މަޝްވަރާ އަރުވަން ޖެހޭ ހާލަތްތައް ދަނީ ގިނަވަމުންނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މަނިކުފާނަށާއި އަޅުގަނޑަށް ވެސް ދަތިތަކާ ކުރިމަތިވަމުން އެބަދެ އެވެ. ވީމާ މިއަދުން ފެށިގެން މަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ހަވީރަށް ކޮޕީ ލިބިފައިވާ ޑރ. ހަސަންގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ރައީސްގެ ނަޝީދުގެ އެޑްވައިޒަރު ކަމުގައި ޑރ. ހަސަން ހޭދަކުރެއްވި 100 ދުވަހުގެ ތެރޭގައި ރައީސް އޮފީހުގެ ބަދަލުގައި، ޑރ. ހަސަން މަސައްކަތް ކުރައްވާފައި ވަނީ އެ މަނިކުފާނުގެ އަމިއްލަ އޮފީސް ރާއްޖެ ޗެމްބާސްގަ އެވެ.
މިހާތަނަށް އެކި ކަންތައްތަކާ ގުޅިގެން ޑރ. ހަސަން ރައީސަށް 10 ލަފައެއް އަރުއްވާފައިވާއިރު އެއިން އެއްވެސް ލަފައަކަށް ރައީސް ނަޝީދު އަމަލުކުރެއްވި ތަން ފެނިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ގާނޫނެއް ނެތި ކެއާ ސޮސައިޓީ އަށް ބިމެއް ދެއްވަން ރައީސް ނިންމެވުމާއި ބައެއް ރަށްރަށަށް މަސްދޯނި ދެއްވަން ނިންވެވުމާއި ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައަޅާ ގާނޫނު ވުޖޫދަށް ނާންނަނީސް މުލީއާގެއަށް ބަދަލުވެ ވަޑައިގަތުމަށް އަމިއްލަފުޅަށް ރައީސް ނިންމެވުމާ ގުޅިގެން އެރުއްވި ލަފާ ހިމެނެ އެވެ. އޭގެ އިތުރުން އިގްތިސޯދީ ކަންކަމުގައި ރައީސަށް ލަފާއަރުއްވާނެ ކޮމެޓީއެއް އުފެއްދެވުމަށާއި އެމްޓީޑީސީގެ ބޯޑަށް މެމްބަރުން ރައީސް މެމްބަރުން އައްޔަން ކުރެއްވި ގޮތާ ބެހޭ ގޮތުން ދެއްވި ލަފަ އާއި އާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ދެއްވި ތިން ލަފާ ހިމެނެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިވަޑައިނުގަތުމުން ދެވަނަ ބުރުގައި އެއްވެސް ޝަރުތެއް ނެތި ރައީސް ނަޝީދަށް ތާއީދުކުރައްވަން ނިންމެވި ޑރ. ހަސަން ދެއްވާ ލަފާތަކާ ގުޅިގެން ރައީސް ވަނީ އެކި ހަފުލާތަކުގައި ޑރ. ހަސަނަށް ނުސީދާކޮށް ފާޑު ވެސް ވިދާޅުވެފަ އެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސަލަފިއްޔާއިން ސިހުރު ކިޔެވީމަ ސިޔާސީ ކަންތައްތައް ނޭނގޭނެ ކަމަށެވެ. ޑރ. ހަސަން ސަލަފިއްޔާ އިން ވެސް ކިޔަވާ ވިދާޅުވި އެވެ.
"...އަނެއްކާ ވެސް ހަމަ އަޅުގަނޑަށް ދެންނެވޭނީ ސަލަފިއްޔާއިން ސިހުރު ކިޔެވީމާ މިކަމެއް (ސިޔާސީ ކަންކަމެއް) ނޭނގޭނޭ، އަޅުގަނޑުމެންނަށް ކުރީގައި ވެސް އެނގުނޭ ގާހިރާގެ ހިރަފޮހުގައި އަދި ދުވަސްކޮޅަކު އުޅެލާފައި ރާއްޖެ އައެއް ކަމަކު ދިވެހިން ދަނެގެނެއް ނޫޅެވޭނެކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ގާނޫނީ އަދި ޝަރުއީ ރޮނގުން ޑރ. ހަސަން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ނެންގެވީ މެލޭޝިޔާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޭގެ ފަހުން ކޮންސިޓިއުޝަނަލް ލޯ އިން ޕީއެޗްޑީ ނެންގެވީ އޮސްޓްރޭލިއާގެ ކްއީންސް ލޭންޑް ޔުނިވަސިޓީންނެވެ.
ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ފަސް ކެންޑިޑޭޓުންނާ ވާދަކުރައްވައި ޑރ. ހަސަނަށް ލިބިވަޑައިގެންފައި ވަނީ 29،656 ވޯޓެވެ. އެއީ 16.54 ޕަސެންޓެވެ. އެހެން ނަމަވެސް ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ދެވަނަ ބުރަށް ހޮވި ވަޑައިގެންނެވި ނަޝީދަށް ތާއީދު ކުރައްވަން އެންމެ ފުރަތަމަ ނިންމެވީ ފުރަތަމަ ބުރުގައި ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓުންގެ ތެރެއިން ޑރ. ހަސަނެވެ.
ރައީސްގެ އެޑްވައިޒަރު ކަމުގެ މަގާމުން ޑރ. ހަސަން އިސްތިއުފާ ދެއްވި ނަމަވެސް އެ މަނިކުފާނުގެ ޕާޓީގެ އިސް މެމްބަރުން ކަމަށްވާ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ރައީސް ނަޝީދުގެ ސަރުކާރަކުން އިސްތިއުފާއެއް ނުދެއްވަ އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު )އަންނި( ވެރިކަމަށް ގެނައުމަށް ޑރ. ހަސަން ސައީދާ އެކު މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް ވަނީ ނަޝީދުގެ ސަރުކާރުން ވަރަށް ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ