ފަސް ރަށެއް ތިލަފުށި އުސޫލުން ކުނި ނައްތާލަން ހާއްސަކުރަނީ

ފަސް ސަރަހައްދެއްގެ ފަސް ރަށެއް ތިލަފުށި އުސޫލުން ކުނި ނައްތާލަން ހާއްސަ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރުގެ ނައިބު އަބްދުﷲ މަޖީދު ވިދާޅުވީ ތިލަފުށި ގޮތަށް ގާއިމްކުރާ ރަށްތަކުގައި ނުރައްކާތެރި ކުނިނައްތާލުމުގެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ.
"ތިލަފުއްޓަކީ ޕްލޭންކޮށްގެން ހަދާފައިވާ ތަނެއް ނޫން. މިހާރު ހަދަން ގަސްތުކޮށްފައިވާ މި ފަސް ތަނަކީ ޕްލޭންކޮށްގެން ތިލަފުށްޓަށްވުރެ ފެންވަރު ރަނގަޅަށް ހަދާނެ ތަންތަން،" މަޖީދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ކުނި ނައްތާލުމަށް އެންމެ ފުރަތަމަ ކަނޑައަޅާފައި ވަނީ އއ. އަތޮޅުގައި ކަމަށެވެ. އެހެން ނަމަވެސް، އެ އަތޮޅުން ކުނި ނައްތާލަން ހާއްސަ ކުރާނީ ކޮން ރަށެއް ކަމެއް މިނިސްޓްރީން ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ވިދާޅުވީ އެ ރަށް ގާތްގަނޑަކަށް 15- 20 އަހަރާ ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ކަމަށެވެ.
"އއ. އަތޮޅުގައި މިފަދަ ކުނި ނައްތާލެވޭނެ ރަށެއް ގާއިމްކުރަން ގަސްދުކުރީ އެ ސަރަހައްދަކީ ރިސޯޓްތައް ގިނަ ސަރަހައްދެއް ކަމުން ގިނައިން ކުނިއުފެދޭނެތީ. އަދި މިކަން ކާމިޔާބު ކަމާއެކު ކުރެވިއްޖެނަމަ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ރަށްތައް ގާއިމުކުރަން ލޯނު ދޭ ފަރާތްތަކުން ޝައުގުވެރިވާނެ. މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެވެނީ ކޮންމެ ވެސް ވަރެއްގެ ފީއެއް ވެސް ނަގައިގެން،" މިނިސްޓަރުގެ ނާއިބު ވިދާޅުވި އެވެ.
އެނާޖީ މިނިސްޓްރީން ވިދާޅުވީ އއ. އަތޮޅުގެ އެ ރަށުގައި ކައިރި ފަސް އަތޮޅެއްގެ ކުނި ނައްތާލެވޭނެ ކަމަށެވެ. އެއީ އއ، އދ، ވ، މ. އަދި ފ. އަތޮޅެވެ. ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވީ އެފަދަ ރަށެއް ހޯދުމަށް މިހާރު ދިރާސާތަކެއް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ