އިނިއެސްޓާގެ ލަނޑުން ސްޕެއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި

ދެކުނު އެފްރިކާގައި ކުރިއަށް ދިޔަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ހޮލެންޑާ ދެކޮޅަށް ކުޅުނު މެޗު 1- 0 އިން ކާމިޔާބުކޮށް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ތަށި އުފުލާލައިފަ އެވެ. މިއީ ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ ފައިނަލެވެ. އަދި މިއީ ޔޫރަޕްގެ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ފަހު ޓީމަކުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.
މި މެޗުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މެޗުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ގިނަ ކާޑުތަކެއް ފެނިގެންދިޔުމެވެ. ހޮލެންޑްގެ ނުވަ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި އިރު އެ ޓީމުގެ ހެއިޓިންގާ އަށް ރަތް ކާޑު ދައްކާފައި ވެ އެވެ. ސްޕެއިންގެ ހަތަރު ކުޅުންތެރިއަކަށް ރެފްރީ ހޮވަޑް ވެބް ވަނީ ކާޑު ދައްކައިފަ އެވެ.
މި މެޗުގެ އެންމެ ފަހު ވަގުތާ ޖެހެންދެން މޮޅަށް ކުޅެ މެޗު ކޮންޓްރޯލްކޮށްފައި ވަނީ ވެސް ސްޕެއިނުންނެވެ. މި ގޮތުން 56 ޕަސެންޓް އެ ޓީމުން ކޮންޓްރޯލްކުރި އިރު 18 ހަމަލާ އުފައްދާފައި ވެ އެވެ. ނަމަވެސް ގޯލަށް އަމާޒުވެފައި ވަނީ ހަ ހަމަލާއެވެ. ހޮލެންޑުން 13 ހަމަލާއެއް އުފެއްދި އިރު ފަސް ހަމަލާ ގޯލަށް އަމާޒުކޮށްފައި ވެ އެވެ. ނަމަވެސް ދެ ހާފަށް ބަލާއިރު ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތައް ހޯދާފައި ވަނީ ހޮލެންޑުންނެވެ. މި ގޮތުން އާޔެން ރޮބެން އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެ އެވެ. ހޮލެންޑް ބަލިވެފައި މި ވަނީ 26 މެޗަށް ފަހު އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފީފާ އިން ހޮވާފައި ވަނީ އުރުގުއޭ އަށް ހަތަރު ވަނަ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަދި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ޑިއޭގޯ ފޯލާން އެވެ.
އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދީ މިރޭގެ މެޗުގައި ވެސް ހޮލެންޑްގެ ގިނަ ހަމަލާތަކެއް ދިފާއުކުރި ސްޕެއިންގެ އިކާ ކަސިއަސް އެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދާފައި ވަނީ ލަނޑު ޖެހި އަންދުރޭސް އިނިއެސްޓާ އެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ އެވޯޑް ހޯދީ ޖަރުމަނުގެ ތޯމަސް މުލާ އެވެ. މި ފަހަރުގެ މުބާރާތުގެ ލަނޑު ލިސްޓްގެ ކުރީގައި ހަތަރު ކުޅުންތެރިއަކު ހިމެނެ އެވެ. އެއީ ސްޕެއިންގެ ޑޭވިޑް ވިޔާ އާއި ހޮލެންޑްގެ ވެސްލީ ޝްނެއިޑާ، ޖަރުމަނުގެ މުލާ އަދި އުރުގުއޭގެ ޑިއޭގޯ ފޯލާން އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ޖަހާފައި ވެ އެވެ.
04: 01 ބާސެލޯނާގެ އެޓޭކިން މިޑްފީލްޑަރު އަންދުރޭސް އިނިއެސްޓާ ޖެހި ލަނޑާ އެކު ސްޕެއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފި އެވެ.
57: 01 އިތުރު ވަގުތުގެ ފަހު ހާފުގައި ފެބްރިގާޒް ދިން ޕާހަކުން އަންދުރޭސް އިނިއެސްޓާ ލަނޑު ޖަހައި ސްޕެއިނަށް ކުރި ހޯދައިދީފި
49: 01 ސްޕެއިންގެ އިނިއެސްޓާ އަށް ދިން ހަމަލާއަކާ ގުޅިގެން ހޮލެންޑްގެ ހެއިޓިންގާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފި.
46: 01 އިތުރު ވަގުތު ފުރަތަމަ ހާފުގެ ކުޅުން ނިމި ދެ ވަނަ ހާފުގެ ކުޅުން ފަށައިފި. އިތުރު ވަގުތުގައި ވެސް ގިނައިން ބޯޅަ ގެންގުޅެފައި ވަނީ ސްޕެއިން. ނަމަވެސް ހޮލެންޑްގެ ޑިފެންސް ފޫއަޅުވާލާނެ މަގެއް ސްޕެއިންގެ ފޯވާޑުންނަށް ހޯދިފައެއް ނުވޭ.
27: 01 އިތުރު 30 މިނިޓުގެ ފުރަތަމަ ހާފުގެ ކުޅުން ފަށައިގެން ކުރިއަށް
23: 01 ސްޕެއިނާއި ހޮލެންޑް މިހާރު ކުޅެމުންދާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ނިމި ނަތީޖާ ނެރުމަށް 15 މިނިޓުގެ އިތުރު ދެ ހާފު ކުޅެން ޖެހިއްޖެ އެވެ. ދެ ވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ބޯޅަ ކޮންޓްރޯލްކޮށްފައި ވަނީ ސްޕެއިން އެވެ. މެޗުގެ 57 ޕަސެންޓް ކޮންޓްރޯލްކޮށްފައި ވަނީ ސްޕެއިން އެވެ. ޕެޑްރޯގެ ބަދަލުގައި ޖީސަސް ނާވަސް ކުޅެން ނެރުމުން ސްޕެއިންގެ ކުޅުން އަވަސްވެގެން ދިޔަކަން ފާހަގަކުރެވެ އެވެ. އަދި އޭނާ އަށް ބޯޅަ ލިބުމުން ހޮލެންޑްގެ ޑިފެންސަށް ބާރު ބޮޑުކޮށްފައި ވެ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ވެސް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ހޮލެންޑަށެވެ. އާޔެން ރޮބެން އަށް ލިބުނު ދެ ފުރުސަތެއްގެ ހުރަހަކަށްވީ ސްޕެއިންގެ ކެޕްޓަން އަދި ގޯލްކީޕަރު އިކާ ކަސިއަސް އެވެ.
34: 00 ފައިނަލް މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ކުރިއަށް
22: 00 ހޮލެންޑާއި ސްޕެއިން މިހާރު ކުޅެމުންދާ ފައިނަލް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ނަމަވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިރު ސްޕެއިނުން ހަތަރު ހަމަލާއެއް އުފައްދާފައި ވެ އެވެ. މީގެ ތެރެއިން ގޯލާ އަމާޒުވެފައި ވަނީ އެންމެ ހަމަލާއެކެވެ. ހޮލެންޑުން ތިން ހަމަލާ އުފެއްދި އިރު ތިން ހަމަލާ ވެސް ވަނީ ގޯލާ އަމާޒުވެފަ އެވެ. ބޯލް ޕޮޒިޝަނަށް ބަލާއިރު ކުރީގައި އުޅެނީ ސްޕެއިން އެވެ. އެ ޓީމުން 56 ޕަސެންޓް ކޮންޓްރޯލްކޮށްފައި ވެ އެވެ. މި މެޗުގެ މިހާތަނަށް އިނގިރޭސި ރެފްރީ ހަވަޑް ވެބް ވަނީ ފަސް ރީނދޫ ކާޑު ދައްކައިފަ އެވެ. ސްޕެއިންގެ ދެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި އިރު ހޮލެންޑްގެ ތިން ކުޅުންތެރިއަކަށް ކާޑު ދައްކައިފައިވެ އެވެ. ދެ ވަނަ ހާފަށް ނުކުންނަ އިރު ދެ ޓީމުގެ ކޯޗުން ވެސް މި ކަމަށް ވިސްނާނެ ކަމަށް ބެލެވެ އެވެ.
23: 23 ވޯލްޑް ކަޕްގެ ފައިނަލްގައި ހޮލެންޑާއި ސްޕެއިން ބައްދަލުކުރާ މެޗުގެ ފުރަތަމަ ހާފު ފަށައިގެން ކުރިއަށް
ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ސްޕެއިން ނުކުންނާނީ މީގެ ދެ އަހަރު ކުރިން ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެ ޓީމު ހޯދި ފަދަ ކާމިޔާބެއް ހޯދުމަށެވެ. ނަމަވެސް މިއީ ވޯލްޑް ކަޕްގައި އެ ޓީމު ކުރާ އާ ތަޖުރިބާއަކަށްވާ އިރު މުބާރާތުގެ ފުރަތަމަ މެޗުން ބަލިވި ޓީމަކަށް މިހާތަނަށް ވޯލްޑް ކަޕްގެ ތަށި ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ނަމަވެސް މިރޭ ހޮލެންޑާ ދެކޮޅަށް ސްޕެއިން ނުކުންނަ އިރު އެ ޓީމު ވަނީ މިފަހަރުގެ މުބާރާތުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަލޭންޑް އަތުން 1- 0 އިން ބަލިވެފަ އެވެ. މިއީ އެ ޓީމަށް ރަނގަޅު ފާލަކަށް ނުވި ނަމަވެސް ޖަރުމަނު ނަތީޖާ ދިމާކުރާ ބޯވަ އެ ޓީމުގެ ކޮޅަށް ނަތީޖާ ނިންމާފައި ވުމަކީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. މި މުބާރާތުގައި މިހާތަނަށް އެ ބޯވަ ބުނި ހުރިހާ ޓީމެއް ވެސް ވަނީ މޮޅުވެފަ އެވެ. މި ފަހަރުގެ މުބާރާތުގައި ޔޫރަޕްގެ ޗެމްޕިއަނުން ވަނީ ދުނިޔޭގެ މަޝްހޫރު ޓީމުތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައި ފައިނަލުން ޖާގަ ހޯދައިފަ އެވެ. މީގެ ތެރޭގައި ޕޯޗުގަލް އާއި ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.
އަނެއްކޮޅުން ފައިނަލުގައި ކުޅުމަކީ ހޮލެންޑަށް އާ ތަޖުރިބާއަކަށް ނުވި ނަމަވެސް މިހާރު އޮތް ސްކޮޑަށް މިއީ މުޅިން އާ ތަޖުރިބާއެކެވެ. ކުޅުންތެރިންނަށް ބަލާއިރު ދެ ޓީމު ވެސް ހަމަހަކޮށް އޮތް އިރު ކޯޗު ބާޓް ވެން މާވިކްގެ އުންމީދުތައް ގުޅިފައި ވަނީ އާޔެން ރޮބެން އާއި ވެސްލީ ޝްނެއިޑާއާ އެވެ.
ހޮލެންޑްގެ ފުރަތަމަ 11
1 ސްޓެކެލެންބާގް (ގޯލްކީޕަރު)
2 ވެން ޑަ ވީލް
3 ހެއިޓިންގާ
4 މެތައިސެން
5 ވެން ބްރޮންކޯސްޓް (ކެޕްޓަން)
6 ވެން ބޯމެލް
7 ކުއާއިޓް
8 ޑި އޮންގް
9 ވެން ޕާސީ
10 ޝްނެއިޑާ
11 ރޮބެން
ކޯޗު: ބާޓް ވެން މާވިކް
ސްޕެއިންގެ ފުރަތަމަ 11
1 ކަސިއަސް (ގޯލްކީޕަރު، ކެޕްޓަން)
3 - ޕީކޭ
5 ޕުޔޯލް
6 އިނިއެސްޓާ
7 ޑޭވިޑް ވިޔާ
8 ޒަވީ
11 ކަޕްޑެވީލާ
14 އޮލޮންސޯ
15 ރާމޮސް
16 ސާޖިއޯ ބުސްކެޓްސް
18 ޕެޑްރޯ
ކޯޗު: ވިސެންޓޭ ޑެލް ބޮސްކޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ