ކޯޓަށް ދިއުމުގެ ކުރިން އޯނަސް އަށް ވާނީ ފައިސާ ދައްކާ ނިންމާފައި: އަކުރަމް

ކޯޓަށް ހާޒިރުކުރުމުގެ ކުރިން، އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އާދިއްތަ ދުވަހުގެ ކުރިން ދައްކާ ހަލާސްކޮށްފައިވާ ކަމަށް، ބައުންސް ޗެކްތަކެއްގެ ެމައްސަލައިގައި ޕީޖީން ދައުވާ އުފުލި ހައުސިން މިނިސްޓަރުގެ ނައިބު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަކުރަމް މިއަދު ވިދާޅުވީ އެ ކުންފުނިން ނެގި ފައިސާ ދެއްކި ފަހުން ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވި ކަމަށެވެ. ނަމަވެސް އެ ފައިސާ ދައްކާފައިވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އެ މައްސަލަ އަނބުރާ ގެންދިއުމަށް ވެސް އެދިފައިވާނެ. ނަމަވެސް އެ މައްސަލަ އަނބުރާ ނުގެންގޮސް އޮތުމުން ދެ ފަހަރުމަތިން ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވީމަ ކޯޓަށް ހާޒިރުވީ. އެ ފައިސާ ލިބިފައިވާ ކަމަށް ބުނެ އޯނަސް އިން ދިން ސިޓީއެއް ހުށަހަޅާފައިވާނެ. އެ ދުވަހު އެހެންވެ އެ ހިސާބުން މައްސަލަ ނިންމީ،" އަކުރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޯނަސް އިން ނެގި 1،260،000ރ. އަކީ އިންޓަރެސްޓާ އެކު ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ރައްޓެއްސަކު ބުނެގެން ނެގި ފައިސާއެއް ކަމަށެވެ. އަދި އެ ފައިސާ ދެއްކުން ލަސްވީ އޭނާގެ އަތުން ލިބުން ލަސްވެގެން ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އޯނަސްގެ ބަހެއް މިއަދު ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެ ކުންފުނިން ބުނީ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް، އަކުރަމް ފައިސާ ދައްކާފައިވާ ކަމަށް ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭނާގެ މައްޗަށް ޕީޖީ އޮފީހުން ކުރި ދައުވާގައި ބުނެފައި ވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑުން އަކްރަމް ނަގާފައިވާ ފައިސާ އަނބުރާ ދެއްކުމުގެ ގޮތުން އޭނަ 1،260،000ރ. ގެ ޗެކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ޗެކު ބޭންކަށް ހުށަހެޅުމުން އެ ޗެކު ބައުންސްވެފައިވާ ކަމަށާއި އެހެންކަމުން އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދޭން އެންގުމުން ވެސް އެ ފައިސާ ދީފައިނުވާ ކަމަށެވެ. އެހެންކަމުން އަކްރަމްގެ މައްޗަށް، އެކައުންޓުގައި ފައިސާ ނެތި ޗެކް ދޫކުރުމުގެ ދައުވާ އުފުލީ ކަމަށް އެ ދައުވާގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ