ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ވަސީލަތް ގާއިމުކުރަން ނިންމައިފި

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވޭނެ ވަސީލަތްތައް ޤާއިމް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިކަން ނިންމީ ސްޕޯޓްސް މިނިސްޓްރީން އިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު އެވެ.
ސާފް ގޭމްސްއާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި، އެކިއެކި އިންވިޓޭޝަނަލް ގޭމްސް ރާއްޖޭގައި ބާއްވަން މަގު ފަހި ކުރުމަކީ، މުހިންމު ކަމެއްކަމަށާއި އެތްލެޓިކްސް އާއި ފެތުމަށް ރާއްޖޭގައި އެކަށީގެންވާ ވަސީލަތްތަކެއް ޤާއިމް ކުރުމުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކިއެކި މުބާރާތްތައް ރާއްޖޭގައި ބޭއްވިދާނެކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ސާކް ޤައުމުތަކުގެ މެދުގައި އިމިގްރޭޝަން އޮތޯރިޓީޒް ޖަމްޢިއްޔާއެއް އުފައްދަން ވެސް މިއަދު ވަނީ ނިންމާފަ އެވެ. މި ޖަމްޢިއްޔާއަކީ، ސަރަޙައްދުގެ ޤައުމުތަކުގައި މަޢްލޫމާތާއި އިންޓެލިޖަންސް ޙިއްޞާކޮށް، އިމިގްރޭޝަން މެނޭޖްމަންޓް ހަރުދަނާ ކުރުމާއި، ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ހިންގަން އުފައްދާ ޖަމްޢިއްޔާއެކެވެ.
ސާކްގެ ޤައުމުތަކުގެ ތެރެއިން އިމިގްރޭޝަން މެނޭޖްމަންޓުން ކުރިއެރުން ހޯދާފައިވާ ޤައުމުތަކުގެ އެހީގައި ރާއްޖޭގެ އިމިގްރޭޝަން މުވައްޒަފުން ތަމްރީނުކޮށް، އިމިގްރޭޝަންގެ ހިންގުން ހަރުދަނާ ކުރުމަށް، މިކަމުން މަގުފަހިވެގެންދާނެ އެވެ.
އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިކުރުވާފާނެ ކަމަށް ޝައްކު ކުރެވޭ ފަރާތްތަކުގެ މަޢްލޫމާތު، ފަސޭހަކަމާއެކު ލިބޭނެ ނިޒާމެއް ޤާއިމް ކުރުމުގެ މަގުވެސް މިޖަމިއްޔާއިން ފަހި ކުރެވޭނެ ކަމަށް ވަޒީރުން މަޖިލީހުން މިއަދު ވަނީ ފާހަގަ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ