ދީނީ ޢިލްމުވެރިން ސަމާލުވެތިބުމަށް އިލްމުވެރިންގެ ގުޅުމުން އިލްތިމާސްކޮށްފި

ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން އެ ބޭފުޅުންގެ އަމިއްލަ ސަލާމަތީ ކަންކަމާ މެދުގައި ޚާއްސަ ސަމާލުކަމެއް ބެހެއްޓުން މުހިންމު ކަމަށް ބުނެ، ދީނީ އިލްމުވެރިންގެ ގުޅުމުން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން، ދީނީ އިލްމުވެރިން ސަމާލުވެ ފަރުވާތެރިވުމަށް ހަ ނުކުތާއެއް ހިމެނޭ އިލްތިމާސްއެއް، އިލްމުވެރިންގެ ގުޅުމުންވަނީ ޓްވިޓަރ މެދުވެރިކޮށް އާންމުކޮށްފައެވެ.
އެ ނުކުތާތަކުގެ ތެރޭގައި ހިމެނެނީ، ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ މަގުމައްޗަށް ނުކުމެ ނުހެދުމާއި،، ޚާއްސަކޮށް ރޭގަނޑު ދަން ވަގުތުތަކުގައި ނުނިކުތުމާއި، ދަން ގަޑިތަކުގައި ބޭރަށް ދާނަމަ އެކަނި ބޭރަށް ނުދިއުމާއި، އެއްވެސް ކަހަލަ ގޮތަކުން ކިތަންމެ ކުޑަ ހާނީއްކައެއް ލިބިއްޖެ ނަމަވެސް އެކަމާ އިހުމާލުނުވެ ވަގުތުން އަވަސް ފަރުވާ ހޯދުމަށާއި، އަމިއްލަ ކާރު ނުވަތަ ސައިކަލު ޕާކްކޮށްފައި ހުއްޓައި ގެއްލުމެއް ލިބިފައި ހުރިކަން ފާހަގަ ވެއްޖެނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނައުމާއި، އެއްވެސް ބާވަތެއްގެ ޝައްކެއް އުފެދޭ ކަމެއް ފާހަގަވާނަމަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް ގެންނައުމާއި، ބޭނުންވެއްޖެ ކަމަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައި ސަލާމަތީ ކަންކަން ބަލަހައްޓަވައި ދެއްވުމަށް އެދި ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދުމަށާއި، ހެނދުނާއި ހަވީރުގެ ދުއާތައް ކިޔުމުގައި އިތުރަށް ފަރުވާތެރިވުމެވެ.
ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިފަދަ އިލްތިމާސްއެއް މިނެރުނީ ސީދާ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ. އިލްމުވެރިއެއްގެ ފުރާނައަށް ނުރައްކާވެދާފަދަ އިންޒާރުތަކެއް ނުވަތަ އިލްމުވެރިންނަށް ގެއްލުމެއްދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން ކަމެއްވެސް ސާފެއް ނުވެއެވެ.
އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތެއް ފުލުހުންވެސް ހާމައެއް ނުކުރެއެވެ.
އެހެން ނަމަވެސް، އިސްލާމްދީނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައިގެން، ރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް، އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމްއިއްޔާއާ ދެކޮޅަށް ފިޔަވަޅުއަޅައި، މައްސަލަ ތަހްގީގު ކުރުމަށް ދީނީ އިލްމުވެރިން ގެންދަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ