އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ އިތުރު ތުހުމަތުތަކެއް އައިއެމްއެފް ގެ ކުރީގެ ވެރިޔާގެ މައްޗަށް އަނެއްކާވެސް ކޮށްފި

ޕެރިސް: އަންހެނަކު ރޭޕްކުރުމަށް މަސައްކަތް ކުރުމުގެ އިތުރު ތުހުމަތެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް )އައިއެމްއެފް( ގެ ކުރީގެ ވެރިޔާ ޑޮމިނިކް ސްޓްރާވްސް މައްޗަށް އަނެއްކާވެސް ކުރެވިއްޖެވެ.
ފަރަންސޭސި އަންހެން ލިޔުންތެރިއެއް ކަމަށްވާ ޓްރިސާން ބާނޫ ތުހުމަތުކުރި ގޮތުގައި މީގެ ނުވަ އަހަރު ކުރިން ޑޮމިނިކް ސްޓްރާވްސް ވަނީ އޭނާގެ ޢިއްފަތްތެރިކަމަށް އަރައިގަތުމަށް މަސައްކަތް ކުރައްވާފަ އެވެ. ބާނޫގެ ޤާނޫނީ ވަކީލު ޑޭވިޑް ކޫބީ ވިދާޅުވިގޮތުގައި މިމައްސަލާގައި ސްޓްރާވްސްގެ މައްޗަށް ކުރާ ދަޢްވާ ފަރަންސޭސި ކޯޓަކަށް މިއަދު ހުށަހަޅާނެއެވެ.
އެމެރިކާގެ ހޮޓަލެއްގައި ޚާދިމާއެއްގެ ގޮތުގައި މަސައްކަތްކުރާ އަންހެނަކު މިދިޔަ މަހު ސްޓްރާވްސް މައްޗަށް ކުރި ރޭޕްގެ ތުހުމަތަކާ ގުޅިގެން އެމެރިކާގެ ކޯޓެއްގައި އޭނާގެ މައްޗަށް މިހާރުވެސް ގެންދަނީ ޝަރީޢަތް ކުރަމުންނެވެ. ނަމަވެސް މިމައްސަލާގައި އަންހެންމީހާ ދޮގުހަދާކަން ގާޒީއަށް ޝައްކުކުރެވޭގޮތް ވުމުން ސްޓްރާވްސްވަނީ ކަފާލަތަކާނުލައި ވަގުތީގޮތުން މިނިވަންކޮށްފައެވެ.
ރޭޕްކުރިކަމަށްބުނެ އަންހެންމީހާ ދޮގުހަދާކަމުގެ ހެކިތައް ހުރުމުން މިމައްސަލަ ސްޓްރާވްސްގެ މައްޗަށް ސާބިތުވުމުގެ ފުރްސަތު މިހާރު ވަރަށް ކުޑަކަމަށް އޭނާގެ ޤާނޫނީ ޓީމުން ބުނެއެވެ. ނަމަވެސް މިމައްސަލާގައި ސްޓްރާވްސް ވަނީ އައިއެމްއެފް ގެ ޑައިރެކްޓަރ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.
ސްޓްރާވްސްއަކީ ފަރަންސޭސިވިލާތުގެ ވަރަށް މަޝްހޫރު ސިޔާސީ ޝަޚްސިއްޔަތެކެވެ. ފަރަންސޭސިވިލާތުގެ އިދިކޮޅު ސޯސަލިސްޓް ޕާޓީގެ ފަރާތުން އަންނަ އަހަރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށްވެސް ވިސްނަމުން ގެންދަނީ ސްޓްރާވްސްއެވެ.
އެހެންކަމުން ސްޓްރާވްސްގެ މައްޗަށް ބައެއް އަންހެނުން ކުރަމުންގެންދާ ރޭޕްކުރުމުގެ ތުހުމަތުތަކުގެ ފަހަތުގައި އޭނާގެ ސިޔާސީ ދުޝްމަނުން ތިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ސްޓްރާސްއަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ. ފަރަންސޭސިވިލާތުގެ ޤާނޫނުގައި ރޭޕްކުރުމަށް މަސައްކަތް ކުރުމުގެ ކުށަކީ 19 އަހަރަށް ޖަލަށް ލުމެވެ. --ރޮއިޓާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ