ހެނާންޑޭޒްގެ ކޮންޓްރެކްޓް އާކޮށްފި

މެންޗެސްޓާ ޔުނައިޓެޑާއި އެކު މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ. ފަސް އަހަރުގެ ދުވަހުގެ މުއްދަތަކަށް މެންޔުނައިޓެޑަށް ކުޅުމަށް ހެނާންޑޭޒް މިވީ އެއްބަސްވުމާއި ގުޅިގެން އޭނާ ކުލަބާއެކު 2015-16 ގެ ސީޒަނާއި ހަމައަށް ދެމިހުންނާނެ އެވެ.
އުމުރުން 23 އަހަރުގެ ފޯވާޑް ހެނާންޑޭޒް މިދިޔަ ސީޒަނުގައި މެންޔުނައިޓެޑާއި ގުޅި މޮޅު ކުޅުމެއް ދައްކުވައި ދީފައި ވެއެވެ. މިދިޔަ ސީޒަނުގައި ހެނާންޑޭޒް ވަނީ ވިހި ގޯލު މެންޔުނައިޓެޑަށް ކާމިޔާބު ކޮށްދީފަ އެވެ. ރެއާލް މެޑްރިޑުން ހޯދުމަށް މަސައްކަތް ކުރާކަމަށް ރިޕޯޓްތަކުން ބުނަމުން ދަނިކޮށް ދިގު މުއްދަތަކަށް މެންޔުނައިޓެޑަށް ކުޅުމަށް އެއްބަސްވުމުން އޭނާގެ އަގު އިންތިހާއަށް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.
"މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަކީ އަހަރެންގެ ހުވަފެނެއް. ފުރަތަމަ ސީޒަނުގައި އެހާ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަކަށް އަހަރެން ކުރިން ހިއެއް ނުކުރަން. މެންޔުނައިޓެޑާއި އެކު ކުރިއަށް ދިއުމަށް އަހަރެން އުފާކުރާނަން. ތައްޓެއް ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގުގައި ކުޅެވުމުން ވެސް އުފާކުރަން. މެންޔުނައިޓެޑަށް އެހީތެރިވެ އިތުރު ކާމިޔާބީތަކެއް ހޯދުމަށް އަހަރެން މަސައްކަތް ކުރާނަން." ހެނާންޑޭޒް ބުންޏެވެ.
މެންޔުނައިޓެޑް ގެ ކޯޗު ސާ އެލެކްސް ފާގަސަން ވަނީ ހެނާންޑޭޒް އަށް ތަޢުރީފު ކޮށްފައެވެ. "ހެނާންޑޭޒް ހެން ފުރަތަމަ ސީޒަނުގައި ޓީމަށް މޮޅު ކުޅުމެއް ދައްކުވައިދިން ކުޅުންތެރިއަކީ އޮލެ ގަނާ ސޯލްސްޖާ. ހެނާންޑޭޒް ގެ ކުޅުމުން އަހަރެންނަށް ސޯލްސްޖާ މަތިން ހަނދާން އާވޭ. ހެނާންޑޭޒް އަކީ އިދިކޮޅު ޑިފެންޑަރުން ކައިރިން ސަލާމަތްވެ ހުރެ ގޯލު ކާމިޔާބު ކުރާ ކުޅުންތެރިއެއް. މީގެ އިތުރުން އޭނާ އަކީ ގަދަ އަޅާ މަސައްކަތް ކުރާ ކުޅުންތެރިއެއް." ކޯޗް ފާގަސަން ބުންޏެވެ.
2010 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވިދާލި ހެނާންޑޭޒް ވަނީ ވޯލްޑްކަޕުގެ އިތުރުން ނިމިގެންދިޔަ ގޯލްޑްކަޕް މެކްސިކޯއަށް ކާމިޔާބުކޮށްދިނުމުގައި އިސްދަޢުރެއް އަދާކޮށްދީފައެވެ. އެގޮތުން ގޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަގާމު ވެސް ހެނާންޑޭޒް ހޯދާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ