ފްރީ ޓްރޭޑް އެގްރީމެންޓަކީ ބުއްދިވެރިކަމެއްގެ ގޮތުގައި ނުދެކެން: ރައީސް ނަޝީދު

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައި ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރީމެންޓްތައް ގާއިމް ކުރެވެނީ ވިޔަފާރީގެ ގޮތުން ހަމަހަމަކަން އޮތް ގައުމުތަކުގެ މެދުގައި ކަމަށާއި، އެފަދަ ހަމަހަމަކަމެއް ރާއްޖެއާއި ޗައިނާއާއި ދެމެދުގައި ނެތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ރާއްޖެއަށް ބޭރުން ގެންނަ ހުރިހާ މުދަލެއް ޗައިނާއިން ގަންނަން ފަށާނެކަމަށާއި، އެހެން ގައުމުތަކުން އެއްޗެހި ނުގަންނާާނީ ޗައިނާާއިން މާ އަގުހެޔޮކޮށް އެއްޗެހި ލިބޭތީ ކަމަށެވެ.
"އެ ގައުމުތަކުން ލިބޭވަރަށްވުރެ މާ އަގު ހެޔޮކޮށް ޗައިނާ އިން ލިބެން ފަށާނެ. އަޅުގަނޑަށް ފެންނަ ގޮތުގައި އިމްޕޯޓް ޑިއުޓީގެ އާމްދަނީވެސް އަޅުގަނޑުމެންނަށް ގެއްލިގެންދާނެ"، ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރީގައި ފްރީ ޓްރޭޑް އެގްރިމެންޓަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި ކުރިންވެސް ނުދެކޭ ކަމަށާއި، މިހާރުވެސް ފްރީ ޓްރޭޑް އެގްރީމެންޓަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ