މުސާރަ ނުދީ ޗުއްޓީއަށް ފޮނުވާލާ މައްސަލަ ބެލުމާއެކު، ޢާއިލާތަކަށް ސީދާ އެހީވާންޖެހޭ: ސަލީމް

ޤާނޫނާ ޚިލާފަށް މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ޗުއްޓީއަށް ފޮނުވަމުންދާ މައްސަލައަކީ ރައްޔިތުން މަޖިލިހުން ބަލަންޖެހޭ މައްސަލައެއް ކަމުގައި ރައްޔިތުން މަޖިލިހުގެ ހޯރަފުށީ ދާއިރާ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމު މިފަދައިން ވިދާޅުވީ މިއަދު އިންޓަރނެޓުގެ ޒަރިއްޔާއިން އޮންލައިނުކޮށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލިހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ސަލީމް ވިދާޅުވި ގޮތުގައި މިވަގުތު އެންމެ ބޮޑު ނިކަމެތިކަމެއް އަދި ގެއްލުމެއް ކުރިމަތިވަނީ އަގައާއި އަތާއި ދިމާނުވާ ޙާލަތުގައި ތިބި ފަރާތްތަކަށެވެ. އަދި އެމީހުންނަށް ލިބޭ އަންއެމްޕްލޯއިމެންޓު ބެނެފިޓު ނުވަތަ މަސައްކަތެއް ނެތުމުން ލިބޭނެ އާމްދަނީއެއް ނެތް ކަމުގައި ސަލީމް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ޤާނޫނާ ޚިލާފަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް މަޖުބޫރުކޮށްގެން ފޮނުވާލި ފަރާތްތަކަށް ގެއްލުނީ އެފަރާތްތަކުގެ މަހު މުސާރަ އެކަނި ނޫން ކަމުގައާއި އެފަރާތްތަކަށް ކުރިއަށް އޮތް ރަމަޟާން މަހުގެ ޢިނާޔަތްވެސް ގެއްލިގެން ދާނެކަން ސަލީމް ފާހަގަކުރެއްވިއެވެ. ސަލީމު ވިދާޅުވީ މިހާ ގިނަ ޢަދަދެއްގެ ރައްޔިތަކަށް މިހާ ބޮޑު މައްސަލައެއް މެދުވެރިވެފައި އޮތުމުން އެމައްސަލަ ރައްޔިތުން މަޖިލިހުން ބަލަންޖެހޭނެ ކަމުގައެވެ. ސަލީމް ވިދާޅުވީ "އެހެންވީމާ އަޅުގަނޑުގެ ހުށަހެޅުމަކީ ޤާނޫނާ ޚިލަށް ނޯ ޕޭ ލީވް ނަގަން މަޖުބޫރުކޮށް ގެއަށް ފޮނުވާލި މީހުންގެ މައްސަލަ ރައްޔިތުން މަޖިލިހުގެ އިޤުތިޞާދީ ކޮމިޓީން ސީރިއަސް މައްސައެއްގެ ގޮތުގައި ބައްލަވަން" ކަމުގައެވެ. އަދި އޭގެ އިތުރަށް މައްސަލަ ބަލަމުންދާއިރުވެސް ޢާއިލާތަކަށް އާމްދަނީއެއް ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ ބޭނުންތެރި ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެހީވެވިދާނެ ގޮތެއް ކަމުގައި ސަލީމު ފާހަގަކުރެއްވި ފުރަތަމަ ގޮތަކީ ޕެންޝަން ސްކީމުން އެހީވުމެވެ. އޭނާ ވިދާޅުވީ ރިޓަޔަރކުރުމަށް ފަހު ދޭ އެހީގެ އިތުރަށް އެހެނިހެން އެހީތައް ޕެންޝަން ފަންޑުން ހަމަޖެއްސުމަށް ޤާނޫނީ ހުރަހެއް ނެތް ކަމުގައެވެ. އަދި ދެވަނަ ގޮތެއް ކަމުގައި ސަލީމް ވިދާޅުވީ އާމްދަނީ އެހީގެ ސްކީމެއް ތަޢާރަފުކުރުމެވެ. އަދި މިސްކީމުގެ ދަށުން ދެވޭ އެހީއަކީ ސީދާ މަސައްކަތްތެރިޔާގެ އަތަށް ލިބޭ އެހީއެއް ކަމުގައިވާންޖެހޭ ކަމުގައިވެސް ސަލީމް ވިދާޅުވިއެވެ. އަދި މިލިބުނު ތަޖުރިބާގެ މައްޗަށް ބިނާކޮށް މިފަދަ ޙާލަތަކަށް ޚާއްޞަކޮށް ޓްރަސްޓު ފަންޑެއް ޤާއިމުކުރަންޖެހޭ ކަމުގައިވެސް ސަލީމް ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ