ގާސިމު 1، ވަހީދު 2، ޔާމީން 3، ނަޝީދު 4

މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުން ނަމްބަރުތައް އެތަރުތީބުކޮށްފި އެވެ.
މިއަދު މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަންގައި އޮތް ރަސްމިއްޔާތެއްގައި ފުރަތަމަ ގުރު ނެންގެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެ މަނިކުފާނުގެ އެޖޭންޓް ހަސަން ލަތީފެވެ. ނަޝީދަށް ލިބިވަޑައިގަތީ ހަތަރު ވަނަ އެވެ. ދެ ވަނަ އަށް ގުރު ނެންގެވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ފަރާތުން އެ މަނިކުފާނުގެ އޭޖަންޓް އަހުމަދު ތައުފީގެވެ. ޑރ. ވަހީދަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަމްބަރު ދޭކެވެ. ތިން ވަނަ އަށް ގުރު ނެންގެވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ. ގާސިމަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަމްބަރު އެކެވެ. ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބިވަޑައިގަތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށެވެ.
މިއަދު ރަސްމިއްޔާތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އަނެއް ދެ ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ނެގުން އޮންނާނީ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 239،593 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ