ދުނިޔޭގެ ބާޒާރަށް ބަލައި މިފްކޯއިން މަސް ގަންނަނީ، ހަތް ދުވަހުގެ ތެރޭގައި ފައިސާ ލިބޭނެ

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ހުންނަ މިންވަރަށް ބަލައި މަސް ގަތުމަށް މިފްކޯއިން ނިންމައިފިއެވެ.
މިފްކޯއިން ނެރުނު ބަޔާނެއްގައި ވަނީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުކޮށް މަސްވެރިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖެއްސުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން މިވަގުތު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކިރުވާ މަހަށް ވަގުތުން ފައިސާ ނުލިބުން ކަމަށްވާއިރު އެކަމަށް ހައްލެއް ހޯދިފައިވާކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ. 
މީގެ އިތުރުން މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިން ބާނާ މަސް ގަތުމުގެ ގާބިލުކަން ކުޑަވުމަކީވެސް މަސްވެރިންގެ ކަންބޮޑުވުމުއް ކަމަށާއި އެކަމަށް ހައްލު ގެނައުމަށް ކުންފުނީގައި މަސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް ފެލިވަރާއި ކޫއްޑޫ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ފެލިވަރު އަދި ކޫއްޑޫ ތަރައްގީކުރުމަށް ހިންގާ ޕްރޮޖެކްޓު ނިމުމާއެކު ފެލިވަރުގައި މަސް ރައްކާކުރެވޭ މިންވަރާއި މަހުގެ އުފެއްދުންތައް އުފެއްދޭ މިންވަރު އިތުރުވެ މަހުގެ އަގު ކަނޑައެޅުމުގެ ކޮންޓްރޯލް ދިވެހިންނަށް ލިބިގެންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. 
މަސްވެރިންގެ އާމްދަނީ އިތުރުކޮށް ސިނާއަތް ކުރިއެރުވުމަށްޓަކައި މިފްކޯ ދެމިއޮވެ ތަރައްގީވެގެން ދިއުމަކީ މަސްވެރިންގެ އެދުމެއް ކަމަށްވާއިރު މި އަމާޒަށް ވާސިލުވުމަށް އެޅޭ އެއް ފިޔަވަޅަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަކަށް ބަލައިގެން މިފްކޯއިން މަސްގަންނަން ފެށުންކަން އެ ކުންފުނީގެ ބަޔާނުގައި ވަނީ ބުނެފައެވެ. މި ބަދަލާއެކު މަސްވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވެގެންދާއިރު އެ ހެޔޮ ބަދަލުގެ ފައިދާ ސީދާ ދިވެހި މަސްވެރިންނަށް ލިބުން ކަމަށާއި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރިގޮތަކަށް ބަލައި މިފްކޯއިން މަސް ގަންނާނެ އަގު މިފްކޯގެ ވެބްސައިޓްގައި ކޮންމެ ދުވަހެއްގެ ޝާއިއުކުރެވި އެ ބަދަލަށް އަމަލުކުރެވޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.  
އެ ކުންފުނިން ވަނީ މަސްގަތުމުގެ އައު އުސޫލާއެކު މަސްވެރިން މަސްކިރުވާ ދުވަހުން ފެށިގެން ގިނަވެގެން ހަތްދުވަހުގެ ތެރޭގައި ފައިސާލިބިގެންދާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ. މި ބަދަލަށް 24 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރެވޭނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ