ކޮޗިން ފެރީ ޕްރޮމޯޓުކުރަން އިންޑިޔާ އެމްބަސީން ގްރައުންޑް ރިޕޯޓު ތައްޔާރުކޮށް ޝާއިއުކުރަނީ

ކޮޗިން ފެރީ ޕްރޮމޯޓުކުރުމުގެ ގޮތުން ކުޅުދުއްފުށިން ގްރައުންޑް ރިޕޯޓުތައް ތައްޔާރުކޮށް ދިވެހިންގެ އިންޓަވިއުތައް ނަގައި އެ ވީޑިޔޯތައް މީސް މީޑިޔާގައި ޝާއިޢުކޮށް ފެތުރުމުގެ މަސައްކަތް ރާއްޖޭގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުން ފަށައިފިއެވެ. މިހާތަނަށް އިންޑިޔާ ހައިކޮމިޝަނުގެ ރަސްމީ ޓުވިޓާ އެކައުންޓުން ގްރައުންޑް ރިޕޯޓުގެ ނަމުގައި އާންމުކޮށްފައިވަނީ 4 ވީޑިޔޯއެކެވެ. ކޮންމެ ވީޑިޔޯއެއްގައިވެސް ހިމެނެނީ ދިވެއްސެއްގެ އިންޓަވިއުއެވެ. އެ ބަސްދީގަތުމުގައި ކޮންމެ މީހަކުވެސް ބަޔާންކުރަނީ އެ ފެރީގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުން ލިބޭނެ ކަމަށެވެ. އެގޮތުން އެކަކު ބުނި ގޮތުގައި މިކަމުގެ ސަބަބުން ކެއުމަށް ބޭނުންވާ އެންމެ އަސާސީ ކާތަކެތި އަގު ހެޔޮކޮށް އުތުރުން ލިބޭނެ ގޮތް މަގުފަހިވާނެއެވެ. އަދި އެވީޑިޔޯގައި ވާހަކަދެއްކި ފަރާތަކުން ފާހަގަކުރި ގޮތުގައި މި ފެރީގެ ސަބަބުން ދިވެހިރާއްޖެއަށް އިންޑިޔާއިން މުދާ އެތެރެކުރާ މިންވަރު އިތުރުކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. ހަމައެހެންމެ ފެރީގެ ސަބަބުން އުތުރުގެ ރައްޔިތުންގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރެވޭނެ ކަމުގައިވެސް އިންޑިޔާ ހައިކޮމިޝަނުގެ "ގްރައުންޑް ރިޕޯޓަށް" ބަސްދީގަތުމެއްދިން އަންހެނަކު ބުނެފައިވެއެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މި ފެރީގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ތަކެތި އެތެރެކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައެވެ. އަދި އުތުރުގައި އަދިވެސް ފަތުރުވެރިކަން ނެތުމާއެކު ފެރީގެ ސަބަބުން އާމްދަނީ ލިބޭނެ ގޮތްތައް ފަހިވާނެ ކަމުގައިވެސް އޭނާ ބުންޏެވެ. އެމްބަސީން ތައްޔާރުކޮށް އެމްބަސީގެ ޓުވިޓާ އެކައުންޓުގައި ޝާއިޢުކުރަމުންދާ ގްރައުންޑް ރިޕޯޓު ޝާއިޢުކުރަމުންދަނީ ބައިބައަށެވެ. ކޮންމެ ބައެއްގައި ކުޅުދުއްފުށީ ކޮންމެވެސް ރައްޔިތެއްގެ ބަސް ގެނެސްދީފައިވެއެވެ. މި ރިޕޯޓުގައި ހިމެނޭ ހުރިހާ ފަރާތްތަކުންވެސް ބުނެފައިވަނީ މި ފެރީގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ