ކޮޗިންއިންގެ މުދާ ފެރީ ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފި

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ދަތުރު ތަކުގެ ތެރެއިން، އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ.ކުޅުދުއްފުއްޓަށް އައި ފުރަތަމަ މުދާ ފެރީ އެރަށަށް ބަނދަރުކޮށްފިއެވެ.
މިމަހު 22 ވަނަ ދުވަހު މުދާ ބަރު ކޮށްގެން ކޮޗިން އިން ފުރި ފެރީ، ކުޅުދުއްފުއްޓަށް ބަނދަރު ކޮށްފައިވަނީ، މިއަދު ހެނދުނު 6:30 އެހާކަންހާއިރު އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީފު ހަސަން ވެސް ވަނީ މުދާ ފެރީ ބަނދަރު ކޮށްފައިވާ ކަމުގެ ޔަގީންކަން ދީފައެވެ.
ކޮޗިން އިން ރާއްޖެ އައިސްފައި މިވަނީ، އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ފެރީއެކެވެ.
ކުޅުދުއްފުށީ ޕޯޓުގެ ޗީފް މެނޭޖަރު ގްރާޑެ އެކެއް، މުހައްމަދު އަހުމަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ، މިހާރު ކުރިއަށްދަނީ ބޯޓުގެ މުދާ ކްލިއަރެންސްގެ ކަންތައް ކަމަށެވެ. އެކަންތައް ނިމުމުން ބޯޓުން މުދާ ބޭލުމުގެ ކަންތައް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުދާ ބޭލުމުގެ ކަންތައް ކުރިއަށްދާނީ، ބޭރު ބަނދަރުގައި ބޯޓު ބާއްވައިގެން މުދާ އުފުލާ ދޯނި ފަހަރު ބޭނުން ކޮށްގެން ކަމަށެވެ. އެ ބޯޓުން ކުޅުދުއްފުއްޓަށް 20 ފޫޓުގެ ދެ ކޮންޓެއިނަރާއި، 500 ޓަނުގެ ސިމެންތި ބޭލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިވަގުތު ކްލިއަރެންސް ކަންތައް ކުރިއަށްދަނީ، ކްލިއަރެންސް ދީފައި ނިންމާ ހިސާބުން މުދާ ބޭލުމުގެ ކަންތައް ކުރިއަށް ދާނެ، ބޭރު ބަނދަރުގައި ބާއްވައިގެން މުދާ އުފުލާ ދޯނިފަހަރު ބޭނުންކޮށްގެން މުދާ ބޭލުމުގެ ކަންތައް ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވިއެވެ.
މުހައްމަދު އަހުމަދު ވިދާޅުވީ، ކުޅުދުއްފުއްޓަށް މުދާ ބޭލުމަށްފަހު ބޯޓު ދެން އަންނާނީ، މާލޭސިޓީ ޕޯޓަށް ކަމަށެވެ.
މި ބޯޓުން ސިމެންތީގެ އިތުރުން ގިނަ އަދަދެއްގެ މުދާ މާލޭ ޕޯޓަށްވެސް ބޭލުމަށް ވަނީ ހަމަޖެހިފައެވެ.
ކޮޗިން މުދާ ފެރީ ކުޅުދުއްފުއްޓަށް މިއަދު ބަނދަރު ކުރުމާ ގުޅިގެން، "ވަން އޮންލައިން" އާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު، ވިދާޅުވީ، މިފެރީ ދަތުރުތަކުގެ ސަބަބުން ދިވެހި އެންމެހާ ރައްޔިތުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ސީދާ ކުޅުދުއްފުށީގެ ބަނދަރަށް އިންޑިއާގެ މުދާ ބޭލެން ފެށުމުން ބޮޑުތިލަދުންމައްޗަށް ކުރިއެރުން އަންނައިރު، މުޅި ރާއްޖެއަށާއި އެންމެހާ ރައްޔިތުންނަށްވެސް އެކަމުގެ ފައިދާ ވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުތަނުން ހެޔޮވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު ޖަމްޝީދު ވިދާޅުވީ ދިވެހި ވިޔަފާރިވެރިންގެ އިތުރުން ވިޔަފާރި ކުރަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ތަފާތު ކުރުމެއްނެތި، ފެރީގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހުރިހާ ފަރާތަކުން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ.
ޖަމްޝީދު ވިދާޅުވީ ފެރީ ބަނދަރު ކުރުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވަން ކުރީގައި އޮތް ނަމަވެސް އެރަށް ކަރަންޓީނު ކުރުމާ ގުޅިގެން އެކަމަށް އަސަރު ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މާލޭގައި ފޮރިން މިނިސްޓްރީގައި އެކަމާބެހޭ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ