ރައީސް ޔާމީނަށް އުފުލި ރިޝްވަތާއި މަނީލޯންޑަރިން ދައުވާގެ ޝަރީއަތް އާދީއްތައިގައި!

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި އިތުރު ދެ ދައުވާ އެއްގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.
އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ރައީސް ޔާމީންގެ ދެ މައްސަލައަކީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި އެމަނިކުފާނު، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އަކީ މަނީ ލޯންޑަރިންގ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. އެ ދެ ދައުވާ ވެސް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
އެ މައްސަލައަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލައެކެވެ.
ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ރ.)ގެ ދަށުން ކަމަށެވެ. މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ