ފިހާރައަށް ފައިސާ ދެއްކި ކަމަށް ފޭކް ސްލިޕްކޮޅުތައް ފޮނުވަނީ

ފިހާރައަށް އެމީހާ ފޮނުވި ލިސްޓުގައި، ކޯސްޓް ދެ ކިރު ދަޅުން ފެށިގެން ކޮފީ އާއި ބޮޑީ ސްޕްރޭ އާއި ސުޕާރީއަށް ދަންދެން އޮތެވެ. ހުރިހާ އެއްޗެއްގެ އަގު ހަދާލި އިރު 1،739ރ އެވެ.
ފިހާރައިން ރިސިޓްގެ ފޮޓޯއެއް އެމީހާއަށް ފޮނުވާފައި އެދުނީ، ލާރި ޖަމާކޮށް އޭގެ ސްލިޕްކޮޅުގެ ކޮޕީއެއް ވައިބަކޮށްދޭށެވެ.
"ޔާ، ޝުއާ،" ޖަވާބުގައި އޭނާ ލިއުނެވެ. އޭރު ގަޑިން އިރުއޮއްސި 6:30 އެވެ. އޭގެ ހަތް މިނިޓް ފަހުން، ބީއެމްއެލްއަށް ފައިސާ ދެއްކިކަމުގެ ސްލިޕްކޮޅުގެ ކޮޕީއެއް ފިހާރަށް ލިބުނެވެ.
އެކަމަކު ކުޑަ ފިހާރައެއް ކަމުން ވަގުތުން އެކައުންޓް ޗެކްކޮށް، އެ ލާރި ވަދެފައި އޮތްތޯ ބަލައިލަން ފަސޭހަ އެވެ. އެހެންކަމުން ތަނުގެ ވެރިޔާ ވަގުތުން އެކައުންޓް ޗެކްކޮށްލި އެވެ. އެކަމަކު 6:38 ގައި ޖަމާކުރި ކަމަށް، އެ ސްލިޕްކޮޅުން ދައްކާ ފައިސާއާ ބެހޭ އެއްވެސް މައުލޫމާތެއް ފެންނާކަށް ނެތެވެ. ދެން ތަނުގެ ވެރިޔާގެ ލޮލުގައި އަޅައިގަތީ، ސްލިޕްކޮޅުގައި އޮތް މީހާގެ ނަމެވެ: އެއީ ރައްޔިތުންގެ މަޖިލިހުގެ މައްޗަށްގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް އެވެ.
ހައިތަމްގެ ގެ ހުންނަނީ ތަކެތި ގަންނަން އޯޑަރު ލިބުނު ފިހާރައާ މާ ދުރުގަ އެވެ. އެެހެންކަމުން މި އުޅެނީ އޮޅުވާލުންތަކެއްކަން ފިހާރައިގެ ވެރިޔާގެ ހިތަށް އެރި އެވެ. އެކަން ފަހުން ޔަގީން ވެސް ވި އެވެ.
މިއީ ވައްކަމުގެ އާ ވައްތަރެކެވެ. ކޮވިޑް-19އާ ގުޅިގެން ފިހާރަތަކުން ގޭގެއަށް ޑެލިވަރީކުރަނީ، ފޯނުން އޯޑަރުކޮށް، އޮންލައިންކޮށް ޕޭކުރުމަށް ފަހު، އޭގެ ސްލިޕްކޮޅު، ވައިބާއަށް ފޮނުވުމުންނެވެ. ބައެއް ފިހާރަތަކުން މާ ބޮޑު ސަމާލުކަމެއް ނުދީ، ގޭގެއަށް އެއްޗެހި ފޮނުވަމުން ވެސް ގެންދެ އެވެ.
އެކަމަކު އެކި މީހުންގެ ނަަމުގައި މީހަކު ނުވަތަ ބަޔަކު ކުރަމުން ގެންދާ މި ވައްކަން މިހާރު މި އޮތީ ފަޅާއަރައިފަ އެވެ.
"އެމީހާގެ ވައިބާގައި ވެސް ފޮޓޯ މި އިންނަނީ ހައިތަމްގެ. އަޅުގަނޑު ފިހާރައިން ބެލިއިރު މި ޝައްކުވީ ހައިތަމް އުޅެނީ ވެސް މި ހިސާބުގަނޑަކު ނޫނޭ، ދެން ކީއްވެހޭ މި ފިހާރައަށް އޯޑަރުކުރަންވީ،" ފައިސާ ދެއްކި ކަމަށް ފޮނުވި ފޭކް ސްލިޕްކޮޅާއި ފިހާރަ އާއި އެމީހާއާ ދެމެދު ކުރި މުއާމަލާތްތަކުގެ ސްކްރީންޝޮޓްތައް ދައްކާލަމުން، ފިހާރައިގެ ވެރިޔާ ބުންޏެވެ.
"މި ފެށުނީ އަނެއްކާ އަނެއް ކަންތައް. ހިތަށްއަރާ މިހާރު ކިތައް މީހުންނަށް ލަނޑު ލިބިފައި ހުންނާނެ ބާވައޭ."
ހައިތަމް "މިހާރު" އަށް ވިދާޅުވީ، އޭނާގެ ނަމުގައި ފޭކް ސްލިޕްކޮޅުތަކެއް ހަދައިގެން އުޅޭކަން އެނގިވަޑައިގަތީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ، އޭނާ ދަންނަ މީހަކު އެކަން ސަމާލުކަމަށް ގެނައުމުން ކަމަށެވެ. އެކަން ފަޅާއެރީ، މުދަލަށް އޯޑަރުކުރި މީހާ ހުރި ހިސާބަށް އެ ތަކެތި ގެންގޮސް، ބެލިއިރު އެކައުންޓަށް ފައިސާ ވަދެފައި ނެތުމުންނެވެ.
"އެކައުންޓަށް ކޭޝް ރިއަލައިޒް ނުވީމާ ކޭޝް ހިފައިގެން ދާ ނަމޭ ކިޔާފައި ފަހުން އެ މީހާ ފިލީ ކަމަށް އަޅުގަނޑަށް ގުޅި މީހާ ބުނީ. އެ ހިސާބުން އަޅުގަނޑަށް ވެސް މިކަން އެނގިގެން މިހާރު ވާނީ ޕޮލިހަށް ރިޕޯޓު ކޮށްފައި،" ހައިތަމް ވިދާޅުވި އެވެ.
މެމްބަރު ހައިތަމް: އޭނާގެ ނަމުގައި ފޭކް ސްކިޕްކޮޅުތައް ހަދައިގެން އުޅޭ މައްސަލަ ވަނީ ފުލުސް އޮފީހަށް ހުށަހަޅުއްވާފައި.
ހައިތަމް ވިދާޅުވި ގޮތުގައި، އޭނާގެ ނަމުގައި ފޭކް ދެ ފަރާތަކުން ފޭކް ސްލިޕްކޮޅުތައް ހަދާފައިވާ ކަމަށް ވަނީ މިހާތަނަށް އެނގިވަޑައިގެންފަ އެވެ.
ފޭކް ސްލިޕަށް ބަލައިލާއިރު އެއީ އަސްލެއް ނޫންކަން ދެނެގަންނަން އުނދަގޫވާނެ އެވެ. އޮންލައިންކޮށް ފައިސާ ދެއްކުމުން ބޭންކުން ލިބޭ ސްލިޕްތަކުގެ ހުރިހާ ބައެއް އޭގައި ހުއްޓެވެ. އެހެންކަމުން މިއީ އަސްލު ސްލިޕެއް ބޭނުންކޮށް، އޭގެ ހަމައެކަނި ނަމާއި ވަގުތާއި ފައިސާގެ އަދަދު ބަދަލުކޮށްލައިގެން ކުރަމުން ގެންދާ ވައްކަމެއް ކަން ޔަގީންކުރެވެ އެވެ.
ފިހާރައިގެ ވެރިޔާ ބުނި ގޮތުގައި ބާޒާރުމަތީގައި ގަނޑުކޮށް މުދާ ވިއްކާ އެއް ބަޔަކު މިހާރު އޮންލައިންކޮށް ޕޭކޮށްގެން މުދަލެއް ދުލެއްނުކުރެ އެވެ.
"މީގެ ކުރިން އަހަރެމެން ވަރަށް ގިނައިން އެތަނުން އެއްޗެހި ގަންނަން. އެކަމަކު މިހާރު ބުނަނީ އޮންލައިންކޮށް ޕޭކޮށްގެން ނުވިއްކޭނޭ،" އޭނާ ބުންޏެވެ.
"މިކަން ދިމާވީމާ މިހާރު ޔަގީންވެއްޖެ އެ ފިހާރައަށް ބަޔަކު އޮޅުވާލައިފިކަން."
ހައިތަމްގެ ނަން ބޭނުންކޮށްގެން މީހަކު/ބަޔަކު ކުރަމުން ގެންދާ މި ވައްކަމާ ގުޅިގެން އޭނާ ވަނީ އުރީދޫ އާއި ދިރާގުގެ ސަމާލުކަމަށް މައްސަލަ ގެންނަވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކާކުކަން އޮޅުވާލައިގެން އެކަން ކުރަނީ ސިމް ކާޑުތައް ބޭނުންކޮށްގެންނެވެ. އެެހެންކަމުން ރާއްޖޭގައި މޮބައިލް ހިދުމަތް ދޭ ދެ ކުންފުންޏަށް އޭނާ ގޮވާލެއްވީ އެކަން ހައްލުކޮށްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ