ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 240 މީހަކު ނުގެންދެވި ގޭގައި!

ކޮވިޑް-19 އަށް ޕޮޒިޓިވް އެކަމަކު ފެސިލިޓީތަކަށް ނުގެންދެވި 241 މީހަކު ގޭގައި އެބަ ތިބި ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނެފި އެވެ.
އެޗުއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފެސިލިޓީތަކަށް ނުގެންދެވި އެމީހުން ތިބީ ތަފާތު ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. އޭގެތެރޭގައި މަންމަ ޕޮޒިޓިވްވުމުން ދަރިފުޅު އެކަނި ބަހައްޓާފައި ނުދާން ތިބި މީހުންނާއި ދަރިފުޅު ޕޮޒިޓިވްވުމުން މައިންބަފައިން ޓެސްޓްކޮށް ނަތީޖާ ލިބެންދެން މަޑުކުރި މީހުންނާއި އާއިލާ މީހުން ތިބި ފެސިލިޓީއަކަށް ދާން މަޑުކޮށްގެން ތިބި މީހުން ވެސް މަދުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އެ އެންމެން ވަރަށް އަވަހަށް ފެސިލިޓީޒްތަކަށް ގެންދެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.
"މީގެ ތެރެއިން އިސްކަންދޭން ޖެހޭ މީހުން ކޮންމެ ދުވަހަކު ވެސް އަޅުގަނޑުމެން މި އަންނަނީ ފެސިލިޓީތަކަށް މޫވްކުރަމުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ހާއްސަ ފެސިލިޓީޒްތަކަށް ނުގެންގޮސް ލަސްވުމުގެ ޝަކުވާ ބައެއް އާއިލާތަކުން ދަނީ ކުރަމުންނެވެ.
ޕޮޒިޓިވް ބަޔަކު ފެސިލިޓީތަކަށް ނުގެންދެވި ގޭގޭގައި ތިބިއިރު ހޯމް ކަރަންޓީން އުސޫލެއް އެކުލަވާލައި ގޭގައި އަންނަނީ ކަރަންޓީން ވެސް ކުރަމުންނެވެ.
އެޗްއީއޯސީން ރޭ އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 އަދިވެސް ދަނީ ބާރަށް ފެތުރެމުންނެވެ. އެންމެ ހަރަކާތްތެރި އުމުރުފުރާ ކަމުގައިވާ 18-40 އަހަރާ ދެމެދު ބަލި ފެތުރޭއިރު އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ކްލަސްޓާތައް ވެސް ގިނަވަމުންދާއިރު ބަލީގެ ކޮންޓެކްޓްސް މިދިޔަ ހަފުތާގައި ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފަ އެވެ. އިންޑިޕެންޑެންޓް ކޭސްތައް އިތުރުވުމަކީ ބަލި ފެތުރޭ މިންވަރު ބޮޑުވެފައި ވުން ކަން ވެސް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
މި މަހުގެ ތެރޭގައި ދުވާލަކު އެވްރެޖްކޮށް 170 މީހުން ޕޮޒިޓިވް ވުމުގެ ފުރުސަތު އޮތުމުގެ އިތުރުން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވެސް މައްޗަށް ދާނެ ކަަމަށް އޮތީ ލަފާކޮށްފަ އެވެ. އެންއީއޯސީން ބުނިގޮތުގައި ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގައި މިވަގުތު 140 އަށް ވުރެ ގިނަ މީހުން އެޑްމިޓްކޮށްފައި އެބަ ތިއްބެވެ.
ކޮވިޑަށް ފަރުވާދޭން ޚާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޖާގައަކީ 250 އެވެ. އޭގެ އިތުރުން ހާލު ބޮޑު މީހުންނަށް ފަރުވާދޭ ދަރުމަންތަ ހޮސްޕިޓަލުގައި 16 އެނދުގައި ފަރުވާދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކޮވިޑް-19ގެ ބަލިމީހުންނަށް އަތޮޅުތަކުގައި ފަރުވާދެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިނުމާ އެކު ބަލި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވުމުން މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި މާލެ ސަރަަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އާ ދެމެދު ބޭރުގައި އުޅުން ވެސް މަނާކޮށްފަ އެވެ. ރަށްރަށަށް ދިއުމުގައި ދިން ލުއިތައް ވެސް ވަނީ އަލުން ހަރުކަށިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ