ހޯމްސްޓޭ ޓޫރިޒަމް ދިއްގަރުގައި ތައާރަފް ކޮށްފި

ލޯކަލް ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފު ކުރި ހޯމްސްޓޭ މިއަދު މ. ދިއްގަރުގައި ތައާރަފު ކޮށްފިއެވެ.
ހޯމްސްޓޭ ޓޫރިޒަމް ދިއްގަރުގައި ތައާރަފު ކުރުމަށް މިހާރު އެރަށުގައި ކުރިއަށް ދާ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވަޑައިގަންނަވައެވެ.
މިއަހަރަކީ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކުލަ ގަދަ ގޮތަކަށް ފާހަގަ ކުރާ އަހަރެކެވެ. މިއަހަރު ހާއްސަ ހަރަކާތްތަކެއް ހިންގަން ސަރުކާރުން ނިންމާފައި ވާއިރު، މިއަދު ފެށުނު ހޯމްސްޓޭ އަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އަލަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.
ހޯމްސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމަށް ހުއްދަ ދެނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓާ ކޮށްފައިވާ ވިޔަފާރިތަކަށް އެކަނި ކަމަށާއި، އޭގެ ތެރެއިންވެސް ބޭރުގެ ފަރާތްތައް ހިއްސާ ނުވާ ވިޔަފާރިތަކަށެވެ.
ހޯމްސްޓޭގެ ގޮތުގައި ހިންގާ ތަންތަނުގައި އެއް ކޮޓަރި އާއި ފަސް ކޮޓަރިއާ ދެމެދުގެ ކޮޓަރި ހުރުމުގެ އިތުރުން ފަތުރުވެރިން ބޭތިއްބުމަށްޓަކައި ޓޫރިޒަމްގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެން ޖެހޭނެއެވެ. އަދި ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރީގެ ބޮޑު މިނުގައި ފާހާނާ ހިމެނޭހެން 120 އަކަފޫޓް ހުންނަން ލާޒިމެވެ.
ހޯމްސްޓޭ ތައާރަފު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "ނޫ އިގްތިސޯދު" ގެ މެނިފެސްޓޯގެ ދަށުން ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ހޯމްސްޓޭ ޓޫރިޒަމް ތައާރަފު ކުރަން ނިންމުމާ އެކު ރާއްޖޭގައި މިކަމާ ގުޅިގެން އެއްބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެ ގޮތުން ސަލަފުން ވަނީ ހޯމްސްޓޭ ތައާރަފު ކުރުން ހުއްޓުވުމަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ