ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފި

ރާއްޖޭގެ ފުރަތަމަ ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ. ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކުރުމަށްޓަކައި ރަސްމިއްޔާތު ބާއްވާފައި ވަނީ އޮންލައިންކޮށް، ހުރަވީ ސްކޫލާއި ބ. ފެހެންދޫ ސްކޫލުގައެވެ. ސެޓެލައިޓް ސްކޫލު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރައިސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ. ނައިބު ރައީސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވީ ހުރަވީ ސްކޫލުގައި ހުންނަވައިގެންނެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވާނީ ފެހެންދޫ ސްކޫލުގައި ހުންނަވައިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރޭގައި ފެށި ނަމަވެސް ރަކީދޫގެ ސެޓެލައިޓް ސްކޫލު ހިންގާ އިމާރާތް އަދިވެސް ނުނިމޭތީ އެތަން އަދި ނުހުޅުވަ އެވެ. ސެޓެލައިޓް ސްކޫލަކީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލު ނުހިންގޭ ރަށްރަށުގައި ކުރިއަށް ގެންދާ އޮންލައިން ސްކޫލިން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭ މައި މަރުކަޒަކީ ހުޅުމާލޭ ހުރަވީ ސުކޫލެވެ. ހުރަވީ ސުކޫލުގެ މުދައްރިސުން މެދުވެރިކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އާބާދީ މަދުވުމުގެ ސަބަބުން ފުރަތަމަ ފެހެންދޫ ސުކޫލު ބަންދުކުރީ 2008 ވަނަ އަހަރުގައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ