ޑިކްލިއާ ނުކޮށް ފައިސާ ގެންދެވޭނެ އަދަދު 10،000 ޑޮލަރަށް ދަށްކޮށްފި

ޑިކްލިއާ ނުކޮށް ނަގުދު ފައިސާ ރާއްޖެ އެތެރެކޮށް ނުވަތަ ރާއްޖެއިން ބޭރު ކުރެވޭ އަދަދު 10،000 ޑޮލަރަށް ދަށްކޮށްފި އެވެ.
މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ވަކި އަދަދަކަށް އިތުރަށް ނަގުދު ފައިސާއިން ރާއްޖެ އެތެރެކުރާ ނުވަތަ ބޭރުކުރާ ފައިސާ ކަސްޓަމްސް އަށް އަންގަން ޖެހޭނެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަދާފައިވާ ގަވާއިދު ކުރިން އޮންނަނީ 20،000 ޑޮލަރު (308،000ރ.) އިން ފެށިގެން މަތީގެ އަދަދުތަކުން ނަގުދު ފައިސާ ގެންދާ ނަމަ އަންގަން ޖެހޭ ގޮތަށެވެ.
އެ ގަވާއިދަށް އެމްއެމްއޭ އިން އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން 10،000 ޑޮލަރު (154،000ރ.) އިން ފެށިގެން މަތީގެ އަދަދުތަކުން ނަގުދު ފައިިސާ ރާއްޖެ އެތެރެކޮށް ނުވަތަ ބޭރުކުރާ ނަމަ، ކަސްޓަމްސް އަށް އަންގަން ޖެހޭނެ އެވެ. އަދި އެ އަދަދަށް ފައިސާ ހުރީ ދިވެހި ރުފިޔާ ނުވަތަ ބޭރުގެ އެހެން ފައިސާއަކުން ކަމަށް ވިޔަސް، ކަސްޓަމްސް އަށް އަންގަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ފައިސާ ގެންދިއުމުގައި ކަސްޓަމްސް އަށް ސައްހަ ނޫން މައުލޫމާތު ދީފި ނަމަ ނުވަތަ ކުށަކާ ގުޅުންހުރި ފައިސާއެއް ކަމަށް ޝައްކުވާ ފަައިސާ ހިފެހެއްޓުމުގެ ބާރު އެ ގަވާއިދުގެ ދަށުން ކަސްޓަމްސްއަށް އޮވެ އެވެ.
ދާދިފަހުން އެމްއެމްއޭއިން ވަނީ ނަގުދު ފައިސާއިން ދުވާލަކު ނެގޭ މިންވަރު 200،000ރ. އަށް ލިމިޓް ކުރަން ބޭންކްތަކަށް އަންގައިފަ އެވެ. އެގޮތަށް އެންގީ ނަގުދު ފައިސާ ގެންގުޅުން މަދު ކުރުމުގެ ގޮތުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ