ގޯމީޑިއާގެ އެއްބަސްވުން ބާތިލް ކުރަން ނާންގާ ނަމަ އެއްބަސްވުމަށް އަމަލުކުރާނެ: މާލޭ މޭޔަރު

ނައިޓް މާކެޓް ބޭއްވުމަށް ގޯ މީޑިއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރަން އެއްވެސް ފަރާތަކުން މިހާތަނަށް އަންގާފައި ނުވާތީ އެ އެއްބަސްވުމާ އެއްގޮތަށް ގޯމީޑިއާޔާއާ ހަވާލުކޮށްގެން މި އަހަރު ވެސް ނައިޓް މާކެޓް ބާއްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ. ނައިޓް މާކެޓް ބޭއްވުމަށް ގޯމީޑިޔާ އާއި ސިޓީ ކައުންސިލާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ(ން ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ ނައިޓް މާކެޓް ބޭއްވުން ގޯ މީޑިއާޔާއާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅޭ ގޮތުން މާލޭގެ މޭޔަރު މުހައްމަދު ޝިހާބު މިއަދު ވިދާޅުވީ ކުރީގެ ސިޓީ ކައުންސިލުން ހަދާފައިވާ އެ އެއްބަސްވުން ބާތިލް ކުރުމަށް އެއްވެސް ފަރާތަކުން ކައުންސިލަށް އަދި އަންގާފައި ނެތް ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ނިންމުމަމީ ކޮންމެ ބަޔަކާ އެކު ވެސް އެގްރިމަންޓެއް ކޮށްފައިވާ ނަމަ އެކަމަށް އިހުތިރާމް ކުރުން ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ. ގޯމީޑިއާގެ އެއްބަސްވުން އުވާލަން ދައުލަތުގެ އެއްވެސް ފަރާތްތަކުން ނާންގާ ނަމަ އެ އެއްބަސްވުން ސިޓީ ކައުންސިލުން އަމިއްލަ އަށް އިސްނަގައިގެން ބާތިލް ނުކުރާނެ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކަށް ނޯންނާނެ ބަޔަކާ އެކު އެގްރިމަންޓެއް ކުރެވިފައި އޮތިއްޔާ އެ އެބާތިލް ކޮށްލެވޭކަށް. ދައުލަތުގެ މުއައްސަސާއަކުން އެކަން އަންގަވައިފިއްޔާ އެކަން ކުރާނަން. ހައިރާން ވެސް ވެފައި މިހިރީ އޭސީސީން އޭގައި ކޮރަޕްޝަނެއް އޮތް ނަމަވެސް އެ އެއްބަސްވުން ބާތިލްކުރަން ނާންގާތީ. އެހެންވީމާ އެ އެއްބަސްވުމަށް އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާނެ. އަދި އޮތީ ހަމަ އެ އެއްބަސްވުމާ އެއްގޮތަށް ނައިޓް މާކެޓް ވެސް ބާއްވާ ގޮތަށް،" ޝިހާބް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސިލުން އަމިއްލަ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި ނަމަ އެ މައްސަލަތައް އެ ފަރާތްތަކުން ކޯޓަށް ހުށަހަޅާނެ ކަމުގެ ބިރު އޮތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ. މޭޔަރު ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމަކީ މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް މާލޭ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަކީ ކުރުން ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ. "މިފަދަ ފައިދާ ހުރިކަމެއް އަޅުގަނޑުމެން ސިޓީ ކައުންސިލުން ވެސް އިސްނަގައިގެން ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމު ކަމެއް. މިއީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ޝިހާބް ވިދާޅުވި އެވެ. ގޯމީޑިއާގެ ބީލަމާ ގުޅޭ ގޮތުން އޭސީސީން ފާހަގަ ކޮށްފައިވާ މައްސަލަތަކަކީ ނައިޓް މާކެޓް ބޭއްވުމަށް ބިޑް ކޮށްފައިވަނީ އެއް ބައެއް ގުޅިގެން ކަމަށްވީ ނަމަވެސް، އެއީ ވާދަވެރި ޕްރޮޕޯސަލްތަކެއްގެ ގޮތުގައި ބަލައިގަނެ، ގޯ މީޑިއާ އަށް އިތުރަށް މާކްސް ދީފައިވުމެވެ. އެގޮތުން ގޯ މީޑިއާ އަކީ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށް ބުނެ އެބައިން ފުލް މާކްސް ދިން ނަމަވެސް އެ ކުންފުނިން އެފަދަ މަސައްކަތެއް ކުރި ކަން އެނގެން ނެތް ކަމަށް ވެސް އޭސީސީން ވަނީ ނިންމައިފަ އެވެ. އެ ކުންފުންޏާ އެކު ކުރި އެގްރިމަންޓްގައި ކޮރަޕްޝަނަށް މަގުފަހިވާނެ ގިނަ މާއްދާތަކެއް ހިމަނާފައިވާ ކަމަށް ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ގޯ މީޑިއާގެ ބީލަން އިވެލުއޭޓް ކުރި، ކުރީގެ ކައުންސިލަރުން ކަމަށްވާ، އިބްރާހިމް ޝުޖާއު އާއި އަހުމަދު ޝަމާހު ރަޝީދު އަދި އަހުމަދު ހަމީދު )ފްލައި(ގެ މައްޗަށެވެ. އަދި އެ ބީލަމުގެ ކަންކަމުގައި ހަރަކާތްތެރިވި ކައުންސިލްގެ މުވައްޒަފުން ކަމަށްވާ، އެސިސްޓެންޓް ޑިރެކްޓަރު އައިޝަތު ޖުމާނާ މުހައްމަދު ރަޝީދާއި އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދު މިޒުހަތު ނައީމްގެ މައްޗަށް ދައުވާކުރަން ވެސް ފޮނުވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ