8 ފެބްރުއަރީގެ ރިޕޯޓުވާނީ ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައި: އެޗްއާރސީއެމު

ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލުވުމާ ގުޅިގެން ޖެހިގެން އައި އަށް ވަނަ ދުވަހު މާލެއާއި އަތޮޅު ތެރޭގައި ހިންގާ ދިޔަ ހަމަނުޖެހުންތަކުގައި ހިންގާފައިވާ ކަމަށް ބުނާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށްފަހު އެރިޕޯޓު ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައީޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.
އަށެއް ފެބްރުއަރީގެ ހާދިސާތަކާ ގުޅިގެން އެޗްއާރސީއެމްގެ ތަހިގީގު ރިޕޯޓު އާއްމު ނުކުރާތީ އެމައްސަލަ އެމްޑީޕީގެ ފަރާތުން އޭސީސީއަށް ހުށަހަޅާފައިވާތީ އެޗްއާރސީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 8 ފެބުރުއަރީގެ ރިޕޯޓަކީ ކޮމިޝަނުން އަމިއްލައަށް ފެނިގެން ކޮށްފައިވާ ތަހުގީގެއް ކަމަށާއި މެއި މަހުގެ 28 ވަނަ ދުވަހު އެރިޕޯޓު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ.
އަދި ޖޫން މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމު ކުރަން ބޭނުންވާ މައުލޫމާތު މީޑީއާތަކާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް މިބަޔާނުގައި ބުނެފައިވެއެވެ.
ޖޫން މަހުގެ 18 ވަނަ ދުވަހު އޮތް ބައްދަލުވުމުގައި އެޗްއާރސިއެމުން ބުނެފައިވަނީ ފެބްރުއަރީ އަށެއްގެ ހާދިސާތަކާ ގުޅިގެން އެކޮމިޝަނުން ތަހުގީގުކޮށްފައިވަނީ އައްޑޫ ސިޓީގެ މައްސަލަތަކާއި މާލޭ ސިޓީގެ މައްސަލަތައް ކަމަށެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ރިޕޯޓު ހިއްސާ ކުރަން ޖެހޭނީ އެމައްސަލައެއް ހުށަހެޅި ފަރާތަކަށާއި، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އިތުރުން އެމައްސަލާގައި ޒިންމާ އުފުލަން ޖެހޭ ފަރާތަށް އެކަނި ކަމަށެވެ. އަދި ކޮމިޝަންގެ މިފަދަ ރިޕޯޓުތައް އާއްމު ކުރަމުން ގެންދަނީ ކޮމިޝަނުން ނިންމާ ގޮތެއްގެ މަތިން ކަމަށް ވެސް ބުނެފައިވެއެވެ.
މެއި މަހުގެ 28ގައި ރިޕޯޓު ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް އެޗްއާރސީއެމުން ބުނެފައިވާ އިރު، ޖޫން މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުން ބުނެފައިވަނީ ރިޕޯޓު ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށައި ވަރަށް އަވަހަސް ކަމާ ބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ