ކުޑަކުދިންތަކަކާ ބެހިގެން ހަނިމާދޫން ދޮންކާފައަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި އުމުރުން ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އެ ކުދިންގެ ދޮންކާފަ ހައްޔަރުކޮށްފި އެވެ. ފުލުސް އޮފީހުން ބުނީ ތުއްތު ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި 62 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ބަންދުގެ މުއްދަތަށް މިހާރު 15 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ފުލުސް އޮފީހުން ބުންޏެވެ. ބެހުނު ކަމަށް ތުހުމަތުކުރެވޭ ދެ ކުދިންނަކީ ފިރިހެންމީހާ އަށް ދޮންބައްޕަ ކިޔާ އަންހެނެއްގެ ދަރިންނެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ ވިދާޅުވީ ތުއްތު އަންހެން ކުއްޖާއާ ބެހުނު މައްސަލަ އެ ކުއްޖާގެ އާއިލާ އިން ކައުންސިލްގައި ޖެއްސުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކަމަށެވެ. އަދި އޭނާ އަށް ދޮންކާފަކިޔާ ފިރިހެން ކުއްޖަކާ ވެސް މީގެ ކުރިން ބެހިފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ސަލާމް ވިދާޅުވި އެވެ. "މީގެ ދުވަސްކޮޅެއް ކުރިން އެ މީހާ ފިރިހެން ކުއްޖާއާ ބެހުނު ކަމަށް ވަނީ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް އާއިލާ އަށް ހަރަދުކުރަނީ ދޮންކާފަ ކަމަށް ވާތީ އެ ކުއްޖާގެ މަންމަ އެ މައްސަލަ ފުލުސް އޮފީހުން ނަގާފައިވާ ކަމަށް އަންހެން މީހާ ބުނި،" ސަލާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަންހެން ކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ތަން ފެނުނީ ކުއްޖާގެ މަންމަ އަށް ކަމަށާއި އެ ކުޑަކުއްޖާ އަށް ޖިންސީ އަނިޔާ ލިބިފައިވާކަން ޑޮކްޓަރުގެ ރިޕޯޓްތަކުން ވެސް އެނގޭ ކަމަށެވެ. ހައްޔަރުކުރި ފިރިހެން މީހާ މިހާރު ހުރީ ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ