މެރީ ބްރައުން: ތައްޔާރީ ކާނާގެ ރެސްޓޯރެންޓް

"ހިދުމަތް ވެސް ވަރަށް ރަނގަޅު. އަދި އަގުތައް ވެސް އެކަށީގެންވޭ. ބިޒީކޮށް އުޅޭއިރު މީހުންނަށް މިތަނަކީ ވަރަށް ރަނގަޅު ތަނެއް،" ރާއްޖޭގައި ފުރަތަމަ ހުޅުވި ފާސްޓް ފުޑް ރެސްޓޯރެންޓް މެރީ ބްރައުން (އެމްބީ) ގައި ބާގައެއް ކާން ހުރި ޒުވާނަކު ބުންޏެވެ. ދުނިޔޭގެ 15 ގައުމެއްގައި 300 ރެސްޓޯރެންޓް ހިންގަމުން ގެންދާ މެރީ ބްރައުންގެ އުފެއްދުންތަކަށް އެތައް މިލިއަން ބައެއްގެ ހިތް އަތުލާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ކުކުޅު ބޭނުންކޮށްގެން އުފައްދާފައިވާ ބާވަތްތަކެވެ. މެރީ ބްރައުން ރެސްޓޯރެންޓް ރާއްޖޭގައި ހުޅުވި ލިލީ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ، އާމިރު މަންސޫރު ވިދާޅުވީ އެ ރެސްޓޯރެންޓް ހުޅުވި ރޭ އެކަނި ވެސް 1،000 އަށް ވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. "އާއްމުންގެ ތަރުހީބު ބޮޑު. އަޅުގަނޑު ވަރަށް ގިނަ މީހުން ކައިރީ އެހިން އަގުތަކާ ބެހޭ ގޮތުން. ހުރިހާ މީހުންގެ ވަރަށް ޕޮޒިޓިވް. މީހުން ބުނަނީ އަގުތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް،" އާމިރު ވިދާޅުވި އެވެ. މެރީ ބްރައުންގެ މުވައްޒަފުންތަކެއް މަސައްކަތުގައި: ފުރަތަމަ ރޭ ވެސް 1،000 އަށް ވުރެ ގިނަ މީހުން މެރީ ބްރައުންއަށް ޒިޔާރަތްކުރި. މެރީ ބްރައުންގައި ލިބެން ހުރި ކެއުންތަކުގެ އަގުތައް އުޅެނީ 30- 400ރ. އާ ދެމެދުގަ އެވެ. އެމްބީ ފިޝްކަރީ އާއި ނާސި މެރީ ބްރައުން އަކީ ބަތާއި ރިހަ ހިމެނޭ ކެއުންތަކެވެ. އަދި ޗިކަން ބާގަ އާއި ޗިކް އެންޑް ޗިޕްސް އަދި ފިޝް އެންޑް ޗިޕްސް އާއި ސަބްމެރިން ފަދަ އެތައް ބާވަތެއް ހިމެނެ އެވެ. އެތަނުގައި އެންމެ އަގު ބޮޑުކޮށް ހުރި 400ރ. ގެ ފެމެލީ މީލްއަކުން ހަ މީހަކަށް ކެވޭހާ ގިނަ ބާވަތްތައް ހިމެނެ އެވެ. އަދި އެންމެ އަގު ހެޔޮ މީލްއެއް 60ރ އަށް ލިބޭ އިރު އޭގައި ބާގާއަކާއި ކޯކާއި ޗިޕްސް ހިމެނެ އެވެ. މީގެ އިތުރުން ތަފާތު ބުއިންތައް ވެސް އެތަނުން ލިބެން ހުރެ އެވެ. ތިން ބުރިއަށް ހަދާފައިވާ މި ރެސްޓޯރެންޓުގެ އުފެއްދުންތައް ކެއި ގިނަ މީހުން ބުނަނީ ބައިނަލްއަގުވާމީ ފެންވަރުގެ ތަނަކާ ބަލާއިރު އަގުތައް ވަރަށް "ރީޒަނަބަލް" ކަމަށެވެ. އަދި އެތަނުގައި ކުޑަކުދިން ކުޅެލާނެ ހާއްސަ ތަނެއް ހުރުމުން ގިނަ އާއިލާތަކެއް އިއްޔެ ވެސް އެތަނަށް ދިޔައީ ކުދިން ވެސް ގޮވައިގެންނެވެ. އަދި ރެސްޓޯރެންޓުގެ މަތީ ބައިގައި ކޮފީ ބޯން ބޭނުންވާ ފަރާތްތަކަށް މަޑުކޮށްލެވޭނެ ތަނަވަސް މާހައުލެއް ވެސް ވެ އެވެ. "މިހާރު ރާއްޖޭގައި އެންމެ މަޝްހޫރު ކެއުމަކަށް މިއަގުގައި ލިބޭނެ. އެހެންވެ މިތަނުން ލިބޭ ޚިދުމަތުގެ ފެންވަރާ ބަލާއިރު ބުނެވޭނީ ވަރަށް ފުރިހަމަކަމަށް. އަދި އާއިލާ ގޮވައިގެން އާދެވޭތީ އެންމެ އުފާވަނީ،" މެރީ ބްރައުންގައި ކާން ހުރި ފާތުން މުހައްމަދު ބުންޏެވެ. މެރީ ބްރައުން ހުޅުވުމާ އެކު، ދިވެހިންގެ ކެއުމުގެ ވައްޓަފާޅި އަށް މުޅިން އާ ވައްތަރެއް އިތުރުވީ އެވެ. އެއީ އަވަސް ކާނާގެ ވައްތަރުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ