ޕްރިޔަންކާ ޗޯޕްރާ ބާކީ ވަނީބާ؟

މިހާރަކަށް އައިސް ޕްރިޔަންކާ ޗޯޕްރާގެ ވާހަކަތައް މީހުން ދައްކަނީ ކޮންމެވެސް ނުރަނގަޅު ކަމަކާ ގުޅުވައިގެންނެވެ. ޝާހްރުކް ޚާނާއި އޭނާގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ވާހަކަތަކެއް ފެތުރެން ފެށީއްސުރެ ޝާހްރުކް ޚާނުގެ އަންހެނުން ގޯރީ ޚާން ހުންނަނީ ޕްރިޔަންކާ ދެކެ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ޕްރިޔަންކާ އާއި ސަލްމާން ޚާންގެ ގުޅުން ވެސް އެހާ ރަނގަޅެއް ނޫނެވެ. "މިސްޓަ އެންޑް މިސިޒް ކަންނާ" ކުޅެދޭން ޕްރިޔަންކާ އިންކާރުކުރި ހިސާބުން ފެށިގެން މި ދެ ތަރިންގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އަދި އާއިލާގެ ގުޅުން ދަމަހައްޓަން ލޯބިކުރާ ޝާހްރުކް ވެސް އިތުރު މައްސަލަތައް ކުރިމަތިވިޔަ ނުދިނުމުގެ ގޮތުން ޕްރިޔަންކާއާ ދުރުހެލިވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ. ބުނެވޭ ގޮތުގައި ޝާހްރުކް މީގެ ފަހުން ޕްރިޔަންކާއާ އެކު ފިލްމު ކުޅެން އޭނާގެ އަންހެނުން ގަބޫލެއް ނޫނެވެ. މިއީ ގޯރީ ނޫނަސް ވަރަށް ގިނަ ބަތަލުންގެ އަނބިން ހުށަހަޅާ ޝަރުތަކަށް މިހާރު ވަނީ ވެފަ އެވެ. "އެއިތުރާޒް" ކުޅުނު ދުވަސްވަރު އަކްޝޭ ކުމާރާއި ޕްރިޔަންކާގެ ލޯބީގެ ވާހަކަތަކެއް ފެތުރުމާ ގުޅިގެން އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާ ވެސް ވަނީ ޕްރިޔަންކާއާ އެކު ފިލްމު ނުކުޅޭން އަކްޝޭ އަށް އަންގާފަ އެވެ. ޕްރިޔަންކާ ނޫނަސް ބޮލީވުޑްގެ އެހެން ބައެއް ތަރިންނަށް ވެސް މިކަހަލަ މައްސަލަތަކާ ކުރިމަތިވެފައިވެ އެވެ. މަހީމާ ޗައުދަރީ އާއި ސުނިލް ޝެޓީގެ ލޯބީގެ ގުޅުމެއްގެ ވާހަކަ ފެތުރުމާ ގުޅިގެން މަހީމާއާ އެކު ފިލްމު ކުޅުން ސުނިލްގެ އަންހެނުން މާނާ ޝެޓީ މަނާކުރި އެވެ. ރިތިކް ރޯޝަން އާއި ކަރީނާ ކަޕޫރު އެކުގައި ފިލްމުތައް ކުޅުނު ދުވަސްވަރު ދެ މީހުންގެ ގުޅުން މާ ގާތްވެގެން ރިތިކްގެ އަންހެނުން ސުޒާން ރޯޝަން ވަނީ ރިތިކް އާއި ކަރީނާ އެކުގައި ފިލްމު ކުޅުން މަނާކޮށްފަ އެވެ. ސުވާލަކީ ޕްރިޔަންކާ އާއި އޭނާއާ އެކު ފިލްމު ކުޅޭ ކޮންމެ ބަތަލަކާ ހެން އަޅުވާ ކިޔެމުންދާއިރު އެކުގައި ފިލްމު ކުޅޭނެ ބަތަލުން މަދުވެ ޕްރިޔަންކާ ކަހަލަ ހުނަރުވެރި ބަތަލާއަކު ބާކީ ވެދާނެ ބާވަ އެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ