ކުރީގެ ރައީސް ނަޝީދު ކުޅުދުއްފުށްޓަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހަމަނުޖެހުން ހިންގައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިހާރު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހދ. ކުޅުދުއްފުށްޓަށް ވަޑައިގަތުމުން އެރަށުގައި ރައީސް ނަޝީދަށް ސަޕޯޓުކުރާ ބަޔަކާއި، އިދިކޮޅު ބަޔަކާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ މިހަނަމުޖެހުން ހިނގާފައިވަނީ ކުޅުދުއްފުށްޓައް ރައީސް ނަޝީދު ވަޑައިގެންނެވުމުން އެމަނިކުފާނު އެރަށަށް އަރާވަޑައިގަތަނުދިނުމަށް މަސައްކަތް ކުރި ބަޔަކާއި އެމަނިކުފާނަށް ތާއީދުކުރާ ބަޔަކާއި ދެމެދު ކަމަށެވެ.
މީގެ އިތުރުން، އެވަގުތު ހއ. އަދި ހދ. އަތޮޅުގެ އެހެން ބައެއް ރަށްރަށުން ކުރީގެ ރައީސް ނަޝީދަށް ތާއީދު ކުރާބަޔަކު ކުޅުދުއްފުށްޓަށް އަރަން އުޅުމުން އެމީހުންވެސް ކުޅުދުއްފުށްޓަށް އެރިޔަ ނުދިނުމަށް މަސައްކަތް ކުރި ބަޔަކާއި، ކުރީގެ ރައީސަށް ތާއީދުކުރާ ބަޔަކާއި ދެމެދުވެސް ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ސީއެންއެމްއަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަމަނުޖެހުންތައް ހިނގަމުންދިޔަ ނަމަވެސް، ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު، ރައީސް ނަޝީދު ސަލާމަތްތެރިކަމާއެކު ކުޅުދުއްފުށްޓައް އަރާ ވަޑައިގެންނެވި ކަމަށެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި ފުލުހެއްގެ ބޯ ފަޅައިގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުދުއްފުށީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް މިވަގުތުވެސް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ