ގާސިމާއި، ޔާމީން ސަރުކާރު ވައްޓާލަން އުޅުނު މައްސަލަ އަލުން ޕީޖީއަށް ފޮނުވައިފި

މުހައްމަދު ޖުނައިދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުދީގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި، މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ މައްސަލަ އަލުން ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް އަލުން ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިކަން ސީއެންއެމްއަށް ކަށަވަރުކޮށްދެމުން ވިދާޅުވީ އެމައްސަލައާއި ގުޅިގެން ފުރިހަމަކުރުމަށް ޕީޖީއިން އެންގި ކަންކަން ފުރިހަމަކުރުމަށްފަހު، މައްސަލަ އަލުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ޕީޖީއަށް މީގެކުރިން މިމައްސަލަ ހުށަހަޅާފައިވަނީ، ރައީސް ނަޝީދުގެ ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ގާސިމާއި، ޔާމީން ހައްޔަރުކުރުމަށްފަހުގައެވެ. އެހެންނަމަވެސް އޭރު ޕީޖީއިން ބުނެފައިވަނީ އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް ބުނެ، އެމައްސަލަ އަނބުރާ ފޮނުވާލާފައެވެ.
މިމައްސަލާގައި ގާސިމާއި، ޔާމިން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާއި، ގުޅިގެން އެދެބޭފުޅުން މިނިވަންކުރުމަށްފަހު މިމައްސަލަ އޮނބިގެންދިޔައީހެން ހީވި ނަމަވެސް، އަލުން މިމައްސަލަ ޕީޖީއަށް ފޮނުވުމާއި ގުޅިގެން ޕީޖީއިން ބަހެއް ހޯދާލުމަށް ސީއެންއެމްއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ