ކުނި ނައްތާލުމުގެ ޕްރޮޖެކްޓާ ގުޅޭ ބައެއް ކަންކަން މަޑުޖައްސާލަން އަންގައިފި

މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް އިންޑިއާގެ ޓަޓްވާ ގްލޯބަލް ރީނިއުބަލް އެނާޖިއާ އެކު ކުރީ ސަރުކާރުން އެއްބަސްވެފައިވާ ޕްރޮޖެކްޓުގެ ބައެއް ކަންކަން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން މިއަދު އަންގައިފި އެވެ. ފިނޭންސް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ އެކު ޓަޓްވާ އިން މޭ 2011 ގައި ކުރި 49 މިލިއަން ޑޮލަރުގެ ) 755 މިލިއަން ރުފިޔާ( މަޝްރޫއުގެ ބައެއް ކަންކަން އޭސީސީން އަންނަނީ ބަލަމުންނެވެ. އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ މިރޭ ވިދާޅުވީ އެ ޕްރޮޖެކްޓާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ޕްރޮޖެކްޓުގެ ބައެއް އެއްބަސްވުންތައް މަޑުޖައްސާލުމަށް ތިލަފުށި ކޯޕަރޭޝަނާއި ސްޓެލްކޯ އަށް މިއަދު އަންގާފައިވާ ކަމަށެވެ. ކުނި ނައްތާލުމަށް ޓަޓްވާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏަށް ތިލަފުށިން 50 ލައްކަ އަކަފޫޓޫގެ ބިމެއްދޭގޮތަށް ހަމަޖައްސާފައިވާ ކަމަށާއި ނަމަވެސް އެކަން ވެސް މަޑުޖައްސާލުމަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސްޓެލްކޯއާ އެކު ވެސް އެއްބަސްވުމެއްގައި ސޮއިކުރަން އެ ކުންފުނިން ހަމަޖައްސާފައިވާއިރު އެކަން ވެސް އޭސީސީން ވަނީ މައްސަލަބަލައި ނިމެންދެން ހުއްޓުވައިފަ އެވެ. "ތިލަފުށީގެ މިލްކުވެރި ފަރާތަކީ ތިލަފުށި ކޯޕަރޭޝަން ކަމަށްވާއިރު، އެ އެސެޓުން ބައެއް ހިލޭ ދިނުމުގެ އިހްތިޔާރާއި ބާރު ލިބިގެން ވަނީ ތިލަފުށި ކޯޕަރޭޝަނަށް. އެހެންވީމަ އެއީ [ހިލޭ ބިން ދޭގޮތަށް ހަމަޖެއްސުން] ކުންފުންޏަށް އެނގިގެން ކޮށްފައި އޮތް ކަމެއްތޯ ވެސް ބަލާނެ. އެކަންކަން ރިވިއުކުރުމަށް ޕްރޮޖެކްޓާ ގުޅޭ އެއްބަސްވުންތައް ހެދުން ފަދަ ކަންކަން މަޑުކޮށްލަން އަންގާފައި ވަނީ،" އޭނާ ވިދާޅުވި އެވެ. ލުތުފީ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު، އީދު ބަންދު ނިމުމުން ކަމާބެހޭ އިދާރާތަކަށް އަންގަން ޖެހޭ އެންގުންތައް އަންގާނެ އެވެ. ޓަޓްވާއާ އެކު ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ، އެއަށްވުރެ އަގު ހެޔޮ ނިޒާމެއް ގާއިމްކުރުމަށް ހުޅުވާލާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ ޓަޓްވާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން 20 އަހަރު ތެރޭގައި ސަރުކާރަށް އެއް ބިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ