އެމްއެންބީސީން ސާކް ސަމިޓަށް ގެނައި ސާމާނުތަކެއް ނުފެނިގެން ހޯދަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ދައުލަތުގެ މީޑިއާ ހިންގި އެމްއެންބީސީން ސާކް ސަމިޓް ލައިވްކުރުމަށާއި ސަމިޓްގެ އެކި ކަންކަމަށް ގެނައި ބައެއް ސާމާނަށް ވީނުވީއެއް ނޭނގޭ ކަމަށް، އެމްއެންބީސީގެ އާ ބޯޑުން މިއަދު ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި، ނޮވެމްބަރު 2011 ގައި އައްޑޫގައި ބޭއްވި ސާކް ސަމިޓުގެ ބަޖެޓުން އެމްއެންބީސީ އަށް 10 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
އާ އެމްއެންބީސީ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފާއިޒު ވިދާޅުވީ، ސާކް ސަމިޓަށްޓަކައި، ކުރީގެ އެމްއެންބީސީން ބައެއް ސާމާނު ގަނެފައިވީ ނަމަވެސް އެ ތަކެތި ފެންނަން ނެތް ކަމަށެވެ.
"ސާކް ސަމިޓާ ދިމާކޮށް އިކްއިޕްމަންޓްތަކެއް ގެނައިކަން އެބަ އިނގޭ. އެކަމަކު ވަރަށް މަދު އެއްޗެއް ނޫނީ ފެންނާކަށް ނެތް. ބައެއް މުވައްޒަފުން ކައިރީގައި އަހާލީމަ އެބަ ބުނޭ އެއީ ކުއްޔަށް ގެނައި އެއްޗެހިތަކެކޭ ވެސް. އަނެއް ބަޔަކު އެބަ ބުނޭ ގަނެގެންނޭ ވެސް ގެނައީ. ޓެކްނިކަލް ބައެއް މުވައްޒަފުންނާ ވާހަކަ ދައްކާލީމަ އެބަ ބުނޭ އައްޑު އަށް ގެންދިޔަ ގޮތަށް ވީނުވީއެއް ނޭނގެޔޭ. ދެން އަޅުގަނޑުމެން ނިންމާފައިވާނީ، ވަކި ހިސާބަކަށް ގޮސް ނުފެނިއްޖިއްޔާ ފުލުހުންނާ އެ މައްސަލަ ހަވާލުކުރަން. އަދި އަޅުގަނޑުމެންނަކަށް ނޭނގޭ އެ ސާމާނުތައް ވީ ތަނެއް،" ފާއިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސާމާނުތަކާ ބެހޭ އެއްވެސް ޑޮކިއުމަންޓެއް ވެސް އެމްއެންބީސީގައި ނެތް ކަމަށެވެ.
ފާއިޒް ވިދާޅުވި ގޮތުގައި، ކުރީގެ އެމްއެންބީސީން މިހާރުގެ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑު ހިންގި ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ބައިވަރު މައްސަލަތައް އެބަހުއްޓެވެ.
"ފައިސާގެ ބައިވަރު މައްސަލަތައް އެބަހުރި. އޮޅުންބޮޅުން ވެފައި އެތަން އޮތީ. ޑޮލަރު ގަންނަންށޭ ކިޔާފައި އާންމު ފަރުދުންނަށް ވެސް މިލިއަނުން ފައިސާ ދޫކޮށްފައި އެބަހުރި. އޭގެ ތެރެއިން ބައެއް ޗެކްތައް ބައުންސްވެފައި އެބަހުރި. އެއީ ދެކޮޅުޖެހޭ ގޮތަށް ކޮށްފައިވާ ކަމެއް ވެސް ނޫމް. މާލިއްޔަތު ގާނޫނާ ހިލާފަށް އެކަންކޮށްފައި ހުރީ. ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައެއް ނެތް،" ފާއިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބައެއް އެސްޓިމޭޓްތަކަށް ކަންކަން ހަވާލުކޮށްފައިވަނީ ވެސް މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ އެ ފަރާތްތަކަށް ފައިސާ ދޫނުކުރާ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައިވަނީ މި ކަންކަން އޭސީސީއާ ހަވާލުކުރަން،" އޭނާ ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވި ގޮތުގައި، ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެމްޑީޕީގެ އިވެންޓްތައް ލައިވްކުރި ވަރާ ބަލާއިރު، ހަދާފައިވަނީ ވެސް ވަރަށް މަދު ބިލްތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ