ލުތުފީ ނުހިމަނައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައީސް ނަޝީދު މެމްބަރުން އައްޔަން ކުރައްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ސ. ހިތަދޫ ރަންފަސް ހަސަން ލުތުފީ ނުހިމަނައި އެ ކޮމިޝަނަށް ރައީސް މުހައްމަދު ނަޝީދު މިއަދު މެމްބަރުން އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ހުވާ ހަތަރު ބޭފުޅަކު ކުރައްވާފައިވާ ކަމަށެވެ. އެއީ ގދ. ތިނަދޫ ހަލަވެލި އަބްދުﷲ ހިލްމީ އާއި ސ. ހުޅުދޫ ވައިލެޓްފެހި އަލްއުސްތާޒާ ހަދީޖާ ރަޝީދާއި ގދ. ތިނަދޫ ގަޒީރާ އަލްއުސްތާޒް މުއައްވިޒް ރަޝީދު އަދި ހއ. ހިހަވަންދޫ ވައިޖެހޭގޭ މުހައްމަދު ޝަފީއެވެ. މި ހަތަރު ބޭފުޅުން ވެސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
މަޖިލީހުން ރުހުންދިން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައީސް ނަޝީދު އައްޔަން ނުކުރެއްވި ލުތުފީއަކީ އެ ކޮމިޝަންގެ ކުރީގެ މެމްބަރެކެވެ. އެހެން ނަމަވެސް އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތަކެއް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަމާލުކަމަށް އެކަން ގެންނެވި ހިސާބުން ފެށިގެން އޭނާއާ ދޭތެރޭގައި ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ވިސްނުން ބަދަލުވެފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ. އެގޮތުން ލުތުފީގެ ނަމަށް މަޖިލީހުން ރުހުން ހޯއްދެވުމަށްޓަކައި މަޖިލީހުގެ ތަޅުމުން އެ ނަން ބަލައިގަނެ ކޮމެޓީގައި ދިރާސާ ކުރަމުން ގެންދަނިކޮށް ރައީސް ނަޝީދު ކުއްލި ގޮތަކަށް ލުތުފީގެ ނަން އަނބުރާ ވެސް ގެންދެވި އެވެ. އެކަމަކު ލުތުފީގެ ނަން ރައީސް ނަޝީދު އަނބުރާ ގެންދެވީ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި އެ ނަމަށް ވޯޓަށް އަހައި ނަން ފާސްވީ އެވެ. އެކަމަކު ސަރުކާރު ހިންގާ އެމްޑީޕީން ލުތުފީގެ ނަމަށް އެ ދުވަހު ވެސް ތާއީދެއް ނުކުރެ އެވެ.
އޮޑިޓަ ޖެނެރަލްގެ ހިޔާނާތުގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކެއް މަޖިލީހުގެ އިތުރުން ބައެއް ނޫސްތަކަށް ހާމަކުރި ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ކޮމިޝަންގެ ގާނޫނާ އޭނާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ.
މަޖިލީހުން ލުތުފީއަށް ރުހުން ދިން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައީސް ނަޝީދު، ލުތުފީ އައްޔަން ނުކުރެއްވިއިރު ގާނޫނުލް އަސާސީގެ 200 ވަނަ މާއްދާ (ށ) ގައި ވަނީ "އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށްޓަކައި އެންޓި ކޮރަޕްޝަންގެ ކޮމިޝަންގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ބަޔަކު އެ މަގާމަށް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ،" މިހެންނެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނަށް މެމްބަރުން އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ކޮރަޕްޝަނާއި ނާޖާއިޒް ފައިދާ އާއި މި ބާވަތުގެ އަމަލުތައް ނުހިނގާ ގޮތަށް ސަރުކާރުގެ އެންމެހައި ކަންތައްތައް ހިންގުން ކަމަށެވެ. އަދި ދައުލަތުގެ އެހެން މުއައްސަސާތަކުގައި ހިނގާ ކޮރަޕްޝަން ކަންތައްތައް ރަނގަޅަށް ބައްލަވައި، ކޮރަޕްޝަން މުޅިން ނައްތާލެއްވުމަށް މަސައްކަތް ކުރެއްވުމަށް ކޮމިޝަންގެ މެމްބަރުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ