ކާރު ގަތުމުގައި ނާޖާއިޒު ފައިދާ ހޯދައިދީގެން ޓެންޑަ ބޯޑުގެ ދެ ވެރިއެއްގެ މައްޗަށް ދައުވާ

ދައުލަތުގެ ބޭނުމަށް ފަސް ކާރު ހޯދުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ އެއް ހޯދައިދީފައިވާ މައްސަލަ އެއްގައި، ފިނޭންސް މިނިސްޓްރީގެ ކުރީގެ ޓެންޑާ އިވެލުއޭޝަން ސެކްޝަން ހިންގުމާ ހަވާލުވެ ހުރި ޑިރެކްޓާ ޖެނެރަލް ސާމީ އަގީލާއި އެ މިނިސްޓްރީގެ ނެޝެނަލް ބަޖެޓް ފޯމިއުލޭޝަން އެންޑް އެނަލިސިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ޓެންޑާ އިވެލުއޭޝަން ބޯޑުގެ އެއިރުގެ ޗެއާމަން އަލީ އާރިފްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް އޭސީސީން ފޮނުވައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޕީޖީއަށް އޭސީސީން ފޮނުވި މައްސަލައިގައި ބުނަނީ ދައުލަތުގެ ބޭނުމަށް ފަސް ކާރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސްމިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތާއި ފިނޭންސާއި ދެމެދު ޑިސެމްބަރު 6، 2010 ގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަނުވާ ކާރުތަކެއް އެކުންފުނިން އެތެރެ ކުރުމުން ވެސް އެތަކެއްޗާއި ފިނޭންސުން ހަވާލުވެ ފައިސާ ދައްކާފައިވާ ކަމަށެވެ.
އަދި އޭސީސީން އެ މައްސަލަ ބެލިއިރު ޓެންޑާ އިވެލުއޭޝަން ސެކްޝަން ހިންގުމާ ހަވާލުވެ ހުންނެވި ޑިރެކްޓާ ޖެނެރަލް ސާމީ އަގީލާއި ޓެންޑާ އިވެލުއޭޝަން ބޯޑުގެ އެއިރުގެ ޗެއާމަން އަލީ އާރިފް މަގާމުގެ ނުފޫޒު ބޭނުންކުރައްވައި ބީލަން ހަވާލުކުރި ފަރާތައް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޭސީސީން އަދި ބުނީ ބީލަން ކާމިޔާބު ކުރި ފަރާތާއި ފިނޭންސާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތެރެ ކުރި ކާރުތަކުގެ އަގު އަދާ ކުރުމުގެ ގޮތުން، އެ ބީލަމާގުޅިގެން ބޭންކުގައި ހުޅުވާފައިވާ އެލްސީގެ ތެރެއިން ސަޕްލަޔަރަށް ފައިސާ ދޫކުރުމުގެ ހުއްދައަށް އެދި ބޭންކުން ފޮނުވި ދެ ލިއުމުގައި އެ ހުއްދަ ދިނުމުގެ ގޮތުން ސާމީ އަގީލް ސޮއިކުރައްވާ އެ ދެ ލިއުން ބޭންކަށް ފޮނުވައިފައިވާ ކަމަށެވެ.
އަދި ފައިސާ ސަޕްލަޔަރަށް ދޫކޮށްފައިވަނީ ކާރުތަކަކީ އެއްބަސްވުމުގައި ބަޔާންކުރާ މޮޑެލްތަކުގެ ކާރަތުކެއް ކަމަށް ނުވާތީ އާއި އެއްބަސްވުމުގެ ޓެކްނިކަލް ސްޕެސިފިކޭޝަންގައި ބަޔާންކުރާ ބައެއް ކަންތައް ފުރިހަމަނުވާ ކާރުތަކެއް ކަމަށްވާތީ އެކަންކަން ހައްލު ނުކުރަނީސް ކާރުތަކުގެ އަގުއަދާ ކުރުމުގެ ހުއްދަ ނުދިނުމަށް ފިނޭންސްގެ ޕްރޮޕަޓީ ސެކްޝަނުން ނިންމާފައިވަނިކޮށް، އެ ސެކްޝަނުގެ ހުއްދައާ ނުލަ އެވެ.
މިއީ ބީލަން ހަވާލުކުރި ފަރާތުން ހުށަހެޅި ޕާފޯމަންސް ބޭންކު ގެރެންޓީގެ މުއްދަތު ފުރުތަމަ ބުރުގައި ކާރުތައް އެތެރެކުރި އިރުވެސް ހަމަވެ، އޭޕްރީލް 15، 2011ގެ ނިޔަލަށް ބާތިލުވެފައި ވަނިކޮށް، ކާރުތަކުގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ބުނެ ފައިދާ އެއް ހޯދައި ދިނުމަށް ކުރައްވާފައިވާ ކަމެއް ކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމެއް ކަމަށް އޭސީސީން ބުނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެތެރެކޮށްފައިވާ ފަސް ކާރުގެ އަގަށްވާ 2،898،000ރ. ބީލަން ހަވާލުކުރި ފަރާތައް ދައްކައި ހަލާސްކޮށްފައިވާއިރު، ކާރުތަކުގައި ދިމާވެފައި މައްސަލަތައް މިހާތަނަށް ވެސް އެ ކުންފުނިން ހައްލުކޮށްދީފައި ނުވާ ކަމަށް އޭސީސީން ޕީޖީއަށް ފޮނުވި މައްސަލައިގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ