ރައީސްގެ އާއިލާ މުއްސަނދި، އަދީބު އަތުން ފައިސާ ނުހޯދާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަތުން ފައިސާ ހޯއްދަވަންޖެހޭ ހާލަތެއްގައި ނޫން ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ރައީސް ސޯލިހު ގެންދެވި ކަމަށް އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މީގެކުރިން ތުހުމަތު ކުރައްވާފަ އެވެ.
ރޭ "ރާއްޖެޓީވީ"ގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ރައީސް ސޯލިހަކީ އަދީބް އަތުން ދެ މިލިއަން ނުވަތަ ތިން މިލިއަން ހޯއްދަވަންޖެހޭ ހާލަތެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށާއި ރައީސް ސޯލިހަކީ ސިއްކަ އަޙްމަދު އިސްމާޢިލް މަނިކުގެ ދަނބިދަރިއެއް ކަމަށްވާއިރު އެއީ ރާއްޖޭގައި ތިބި މުއްސަނދި އާއިލާތަކުގެ ތެރެއިން އެއް އާއިލާ ކަމަށެވެ.
"އެހެންވީމަ އަދީބު ދެއްވާ ދެތިން ހަތަރު މިލިއަން ރުފިޔާ ބައްލަވަން ކަޅު ދަބަހެއް ހިފައިގެން ރައީސް ސޯލިހު ވަޑައިގަންނަވާކަށް ނުޖެހޭނެ. ރައީސް ސޯލިހުގެ ބޮލުގައި އެކަން އަޅުވަނީ ސިޔާސީ މަގުސަދެއްގައިކަން ހަގީގަތް ގަބޫލުކުރާ ކޮންމެ މީހަކަށް އެނގޭނެ." ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހުގެ ކެމްޕޭނުގެ ބޮޑު ބައެއް ހަރަދު ކުރެއްވީ ސީދާ އެމަނިކުފާނުގެ އާއިލާގެ ފަރާތްޕުޅުން ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު ވެސް ޕާޓީގެ އިދާރީ ކަންކަމަށް އެންމެ ބޮޑަށް ހަރަދު ކުރައްވާ އެއް ބޭފުޅަކީ ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ފަރާތުން ރައީސް ސޯލިހު ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"އެމްއެމްޕީއާރްސީގެ ވާހަކަ އަކީ ސިޔާސީ ހުރިހާ ވާދަވެރިން ބަލިކުރުމަށްޓަކާ މިހާރު ތަޅަން އޮންނަ ހަންމުށި." އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ