ސަރުކާރުގެ ސުވާލު: އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ އަޅާ ފްލެޓުތަކެއްގައި އުޅޭނީ ކިހިނެތް؟

އާބާދީގެ ކުޑަބޮޑުމިނެއް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތު ދަމަހައްޓާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރަށްރަށުގެ ކުޑަ ބޮޑު މިނާއި އާބާދީއަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ގާއިމްކުރުމެވެ. މިދިޔަ ހަފްތާގައި ބޭއްވި އާސްކް ސްޕީކަރ ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރުގެ މި ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކުޑަ ރަށްތަކުގައި ބޮޑު ޚަރަދެއްކޮށްގެން ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމަކީ ބޭކާރު ޚަރަދެއްކަމަށެވެ. އޭގެ ބަދަލުގައި އެ ފައިސާއިން އާބާދީ ބޮޑު ރަށްތަކުގެ ބޯހިޔާވަހިކަމަށް ޚަރަދުކުރުން މާ ރަނގަޅުކަމަށް ދެކެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ މި ވާހަކަފުޅަށް ވަރަށް ސޯޝަލް މީޑިއާގައި ބައެއް މީހުން އަމާޒުކުރި ފާޑުކިޔުންތަކުގައި ވަނީ އެއީ ބާކީކޮށްލުމުގެ ސިޔާސަތުތަކެއްކަމަށް ސިފަކޮށްފައެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްޤުތަކަކީ ރަށުގެ ސައިޒަށް ބަލައިގެން ކަށަވަރުކޮށްދީފައިވާ ހައްޤުތަކެއް ނޫން ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބާކީނުކުރުން ކަމަށްވެސް މިޢުވާން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޤަބޫލުކުރައްވާ ގޮތުގައި ދެންހުރި ޚިދުމަތްތަކާއި ކަންތައްތައް ތަރުތީބުވާންޖެހޭނީ އަސާސީސީ ޚިދުމަތްތަކަށް ފަހުކަމަށެވެ. އެގޮތުން ނަރުދަމާއާއި، ބޭސް ފަރުވާއާއި، ތައުލީމު ލިބޭނެ މަގެއް ނެތި އަޅާ ފްލެޓްތަކެއްގައި އުޅޭނީ ކިހިނެއްތޯ ސުވާލު މިޢުވާން ސުވާލު އުފެއްދެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ގެންދަވަނީ، އެމަނިކުފާނު ސަރުކާރު ހިންގަވާ ސިޔާސަތުތަކުގެ ތެރެއިން އެންމެ މުހިންމު ސިޔާސަތަކީ އެއްވެސް ތަފާތުކުރުމެއްނެތި، އާބާދީއަށް ބެލުމެއް ނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.
އެގޮތުން ލ ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތަކަށްވީތީ، ވަކި ތަފާތެއްނެތި ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަން ވިސްނަން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އެއީ، ކޮންމެ ރަށެއް، ކޮންމެ ސިޓީއެއް އަދި ކޮންމެ ގެއެއްގައި އުޅުނަސް ކޮށްދޭންޖެހޭ ކަންތައްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ ފެނާއި ނަރުދަމާ ހަމަހަމަކޮށް ލިބުމާއި، ދަރިންނަށް ތަޢުލީމު ލިބޭނެގޮތް ހަމަޖައްސައިދިނުމާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުންމެވެ.
ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކަކީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯތަކުގައި ލިޔެގެން ކުރަންޖެހޭ ކަންތައްތަކެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރު އައުމުގެ ކުރިން ރާއްޖޭގެ 188 ރަށުގެ ތެރެއިން ފެނުގެ ނިޒާމް ޤާއިމްކޮށްފައިވަނީ 37 ރަށެއްގައެވެ. އަދި ނަރުދަމާ ނިޒާމް ޤާއިމްކޮށްފައިވަނީ 69 ރަށުގައެވެ. އިންސައްތައިން ބަލާނަމަ ފެނުގެ ނިޒާމް ޤާއިމްކުރެވިފައިވަނީ އެންމެ 20 އިންސައްތަ ރަށުގައެވެ. އަދި ނަރުދަމާ އޮތީ 37 އިންސައްތަ ރަށުގައެވެ. ފެން ނުވަތަ ނަރުދަމާ ނުވަތަ ފެނާއި ނަރުދަމާގެ އެއްވެސް މަސައްކަތެއް ނުފަށާ 141 ރަށް އޮތެވެ.
ނަމަވެސް މިސަރުކާރުގައި މިހާތަނަށްޖުމުލަ 119 ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އޭޣެ ތެރެއިންބައެއް ރަށްރަށުގައި ވަނީ އެ މަޝްރޫޢު ނިންމާ ޚިދުމަތްދޭން ފަށާފައެވެ. ސަރުކާރުގެ މިިހާރުގެ އަމާޒަކީ އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ލިބިގެންދިއުމެވެ. އެއީ ކުޑަ ރަށެއްނަމަވެސް އެ ޚިދުމަތް ނިމިގެންދާނެއެވެ. ތަފާތު ކުރުމެއް ނެތި އާބާދީއާއެއްވަރަށް ހަމަހަމަ ކަމާއެކުގައެވެ.
ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްކޮށް ނިމުމާއެކު، އެ ރަށްރަށުގައި ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާވެ، ޢުމްރާނީ ތަރައްޤީއަށް ރަށްތައް އިތުރަށް ހުޅުވާލެވިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ