މަޖިލީހުން އަދަދު ހަމަނުވީމަ ކޯޓަށް ގޮސް ނަޝީދު ވަކިކުރަން އުޅެނީ ސަރުކާރުން: ހަސަން ލަތީފް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ކުރާ މަސައްކަތުގެ އަޑިގައި ހުރީ ސަރުކާރު ކަމަށް ކުރީގެ އެމްޑީޕި ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރު ކަމުން ރައީސް ނަޝީދު ވަކިކުރުމަށް އެދި މިއަދު ގާނޫނީ ވަކީލު އަހުމަދު ތާލިބް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވުމުންނެވެ. ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު ވަކިކުރަން މަޖިލީހުން އަދަދު ނުލިބުނީމއި މިހާރު މަސައްކަތް ފެށީ ކޯޓް މެދުވެރިކޮށް ކަމަށެވެ. މި ކަމުގައި ގާނޫނު އަސާސެއް ނެތަސް ވެސް މި ކަމުގެ އަޑީގައި އޮތީ ސަރުކާރު ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދައުވާގައި ބުނެފައި ވަނީ ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށާއި ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދީގެން ކަމަށާއި ނަމަވެސް ނަޝީދުގެ މި އަމަލު، ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ދައުވާގައި ވެއެވެ.
ހަމައެއާއެކު ކޮޕް-27 ކޮންފަރެންސުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާ އިރު، ދައުލަތުގެ އެހެން ބާރެއްގެ ވެރިއަކު އެހެން ގައުމެއް ތަމްސީލު ކުރެއްވުމަކީ ދައުލަތުގެ ސިޔާސަތީ ބާރުގެ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ. މި މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ނަޝީދު ކޮޕް ސަމިޓަށް ސްރީ ލަންކާ ތަމްސީލް ކުރައްވާ ގޮތަށް ވަޑައިގަތުމާ އެކު ގިން ބައެއް ގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ސްރީ ލަންކާ ތަމްސީލް ކުރައްވާ ގޮތަށް ނަޝީދު ކޕް ސަމިޓަށް ވަޑާއިގަތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު ދައުލަތުގެ ކުރީގެ ބަންޑާރަނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އައިޝަތު އާޒިމާ ޝަކޫރު ވެސް މިކަމުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ