ޕެންޝަން ބޯޑަށް އައްޔަންކުރާ މެންބަރުންނާ ގުޅޭގޮތުން ރައީސަށް ލަފާދޭން ކޮމިޓީއެއް
ޕެންޝަން އޮފީހުގެ ބޯޑަށް އައު މެންބަރުން އައްޔަންކުރާއިރު، އެ ބޯޑުގެ ޗެއާޕާސަން ހިމެނޭހެން ފަސް މެންބަރުންގެ ބޯޑަކުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖެހޭ ގޮތަށް، އެ އިދާރާއިން އުސޫލެއް އެކުލަވާލައިފިއެވެ. ޕެންޝަން އޮފީހުން އިއްޔެ ގެޒެޓުކުރި އުސޫލުގައި ވަނީ އެ އިދާރާގެ ބޯޑުގެ މަގާމަށް ނަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ކިބައިގައި މަގާމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި، ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށްޓަކައި ފަސް މެންބަރުންގެ ނޮމިނޭޝަން ކޮމިޓީއެއް އެކުލަވާލަން ވާނެ ކަމަށެވެ. އުސޫލުގައިވާ ގޮތުން އެ ކޮމިޓީގައި ތިއްބަވާނީ ޕެންޝަން އޮފީހުގެ ޗެއާޕާސަނާއި ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފެއްގެ އިތުރުން، ފިނޭންސް މިނިސްޓްރީއާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ، މިއިން ކޮންމެ ވުޒާރާއެއްގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެކެވެ. އެ ކޮމިޓީގައި ތިއްބަވާ މުވައްޒަފުންނަކީ ޑިރެކްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ މުވައްޒަފުންނަށް ވާން ވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ނޮމިނޭޝަން ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭ ހިމެނެނީ ބޯޑު މެންބަރުކަމަށް ކުރިމަތިލައިފައިވާ އަދި ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތުތައް ފުރިހަމަވޭތޯއާއި ފެންވަރު ވަޒަންކުރުމާއި، އެ ފަރާތްތަކުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުމާއި، އެ ފަރާތްތަކާ އިންޓަވިއުކޮށް، ބޯޑަށް އައްޔަންކުރަން ފެންނަ ފަރާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމެވެ. ނޮމިނޭޝަން ކޮމިޓީގެ ޒިންމާތައް އަދާކުރަން ޖެހޭ ހާލަތްތަކުގައި، ނޮމިނޭޝަން ކޮމިޓީގެ ބައްދަލުވުންތައް ޕެންޝަން އޮފީހުން އިންތިޒާމުކޮށް ބާއްވަން ވާނެ ކަމަށް، އުސޫލުގައި ފާހަގަކޮށްފައިވެއެވެ. އުސޫލުގައިވާ ގޮތުން، ނޮމިނޭޝަން ކޮމިޓީގެ މެންބަރުންގެ އުޖޫރައަކީ ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް 1،500 ރުފިޔާއެވެ. https://sun.mv/222416 ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން އޮފީހުުގައި ޗެއާމަނެއްގެ އިތުރުން މުހިންމު މަގާމުތައް ހުސްވެފައިވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އެ އިދާރާއަށް އައު ޗެއާމަނެއް އައްޔަންކުރީ މިދިޔަ މެއި މަހުގެ 23ވަނަ ދުވަހެވެ. އެގޮތުން، އެ މަގާމަށް އައްޔަންކުރީ ގިނަ ދުވަސްތަކެއް ވަންދެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރެއްވި ޢަބްދުލްމަޖީދު ޢަލީއެވެ. ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން ބޯޑުގައި ގިނަ އިސް ބޭފުޅުން އިސްތިއުފާދެއްވީ ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ. އެގޮތުން، ޕެންޝަން ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރެއްވި މާލީ ތަޖުރިބާކާރު ސަރުވަޝް އާދަމާއި، އެ ބޯޑުގެ ސީއީއޯ ސުޖާތާ ޙަލީމާއި، ސީއެފްއޯ ޙައްވާ ފަޖުވާގެ އިތުރުން، ޗެއާޕާސަން ޑރ. އަޙްމަދު އިނާޒް ވަނީ ފެބްރުވަރީ މަހު އިސްތިއުފާދެއްވައިފައެވެ. އެ މަގާމުތަކަށް މީހުން އައްޔަންކުރަން ޕެންޝަން އޮފީހުން އިއުލާނުކުރި ނަމަވެސް، ތަރުހީބު ވަރަށް ފިންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ