އެއްވެސް ތަނަކުން ނެރޭ ރިޕޯޓެއްގައި ރާއްޖެ ދަރަނިވެރިވާނޭ މިހާރު ނޯންނާނެ, އަބަދުވެސް ހުންނާނީ ރައީސާއެކު: ޒަމީރު

އެއްވެސް ތަނަކުން ނެރޭ ރިޕޯޓެއްގައި ރާއްޖެ ދަރަނިވެރިވާނެ ކަމަށް މިހާރު ނޯންނާނެ ކަމަށާއި އަބަދުވެސް ހުންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެކުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެއެވެ. އިއްޔެއާ ހަމައަށް ފިނޭންސް މިނިސްޓަރަކަށް ހުންނެވުމަށް ފަހު، ކުއްލިގޮތަކަށް ޒަމީރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައެވެ. މިރޭ ޕީއެންސީން ބޭއްވި ބައްދަލުވުމުގައި ޒަމީރު ވަނީ އެ ނިންމެވުމާ ގުޅޭ އިތުރު ތަފުސީލުތަކެއް ކިޔައިދެއްވާފައެވެ. މިގޮތުން، މިހާރު ދުނިޔެ އޮތީ މެދުއިރުމަތީގެ ހަނގުރާމައިގެ ނުތަނަސްކަމުގައި ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، ކޮންމެ ދުވަހަކު އެ ހަނގުރާމައިގެ ހާލަތު ފިނޭންސް މިނިސްޓަރު ބައްލަވާނެ ކަމަށެވެ. "ހެނދުނާ ހަވީރާ ތެލުގެ އަގަށް އަންނަނީ ކޮން ބަދަލެއްތޯ ބަލާނެ. އެސްޓީއޯއަށް ގުޅުއްވާނެ. ދެން ހުރި ތަންތަނަށް ގުޅުއްވާނެ. ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ހުރި ކަންކަން ތަންފީޒުކުރުމަށްޓަކައި" ޒަމީރު ތަފުސީލުކޮށްދިއެވެ. މޫސާ ޒަމީރު: ވިދާޅުވީ އަބަދުވެސް ހުންނަވާނީ ރައީސް މުއިއްޒާއެކުގައި ކަމަށް -- ފޮޓޯ/ މީރާ އޭނާ ވިދާޅުވީ، މި ފަދަ ހާލަތެއްގައި ސިއްހީ ހާލަތު ހުރި ގޮތުން ފިނޭންސް މިނިސްޓްރީގައި 'ބައްދައިގެން' ހުންނަން ނުވާނެ ކަމަށާއި އެއީ ޕާޓީއަށް ދެވޭ ގެއްލުމެއް ކަމަށެވެ. ފިނޭންސް މިނިސްޓަރަކަށް އޭނާއަށް ވުރެ މާ ގާބިލު ބޭފުޅުން އެބަ ތިބި ކަމަށް ޒަމީރު ވިދާޅުވި ނަމަވެސް ތަފުސީލަކަށް ވަޑައެއް ނުގަންނަވައެވެ. މީގެއިތުރުން، މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް ހުންނާނެކަން ޒަމީރު ހާމަކުރެއްވިއެވެ. ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް އަޅުގަނޑު ހުންނާނަން. އެއީ ޕާޓީގެ އިލެކްޝަނަކަށް ވިޔަސް މަގާމަކަށް ދާންވިޔަސް. އެހެންވީމަ އަޅުގަނޑު މި ހުރީ ގަަދަކޮށް ރައީސް މުއިއްޒާއެކުގައި. އަބަދުވެސް ހުންނާނީ ރައީސް މުއިއްޒުގެ ފިކުރާ އެކީގައިކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ ޖަލްސާގައި ޒަމީރު ވަނީ އިގުތިޞާދީ ބައެއް ކަންކަމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ގައުމު ދަރުވާނުލައި، ސަލާމަތްކޮށްދެއްވީތީ ރައީސް މުއިއްޒަށް އަތްތިލަ ބަޑިއެއް ހައްގު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނޫންނަމަ، ރާއްޖެ އޮންނާނީ އަވައްޓެރި ސިލޯނު އޮތް ހާލަތުގައި ކަމަށް ޒަމީރު ވަނީ ވިދާޅުވެފައެވެ. މިއަދު އެއްވެސް ތަނަކުން ނެރޭ ރިޕޯޓެއްގަ ނޯންނާނެ ކައިރި މުސްތަގުބަލެއްގައި ރާއްޖެ ދަރަނިވެރިވާނެޔޭ. އެހެންވީމަ ދެން އަތްޖަހާކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޒަމީރު އެފަދައިން ވިދާޅުވިއިރު، ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިދިޔަ ބުދަ ދުވަހު ވަނީ މަތިކޮށްފައެވެ. އެ އެޖެންސީން ވަނީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ވަނީ 'ސީސީ' އިން، އޭގެ ޖެހިގެން އޮންނަ މަތީ ރޭޓިން ކަމަށްވާ 'ސީސީސީ މައިނަސް'އަށް ބަދަލުކޮށްފައެވެ. https://sun.mv/222821 ފިޗްގެ 'ސީސީ'އާއި މިހާރު ލިބިފައިވާ 'ސީސީސީ މައިނަސް' ރޭޓިންއަކީ ވެސް 'ޖަންކް' ރޭޓިންގެ ގޮތުގައި ސިފަކުރާއިރު، މިހާރު ރާއްޖެއަށް ދަރަނި ނުދެއްކުމުގެ ނުރައްކާ ކުރިއަށް ވުރެ ކޮންމެވެސް މިންވަރަކަށް ކުޑަވެފައިވާ ކަމަށް ފިޗުން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު ސުކޫކް ދައްކައި ޚަލާސް ކޮށްފައިވާކަން އެ އިދާރާއިން ފާހަގަކުރިއެވެ. މީގެ އިތުރުން، އާމްދަނީ އިތުރުކުރުމަށް ގެންނަ އިސްލާހުތަކާއި ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުކުރެވޭނެ ކަމަށް ފިޗުން ބުނެފައިވެއެވެ. އަދި ބޭރުގެ ދަރަނި ކުޑަވެ، ބޭރުން އެހީ ލިބުމުން ފައިސާގެ ދަތިކަމަށް ލުއި ލިބި، ދަރަނީގެ ނުރައްކަލުން ސަލާމަތްވުމަށް ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ