ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ، އެއީ ނަނާ ހުވަފެނެއް: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިޔަ ނުދެއްވާނެ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ދެކޭ ނަނާ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ ކެމްޕޭން އިފުތިތާހުކުރަން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ އިދިކޮޅުން ދެކޭ "ނަނާ ހުވަފެނެކެވެ". "އަޅުގަނޑު މިރޭ ދަންނަވައިލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެޔޭ، އެކަން ކުރަން އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭނަމޭ،" އެ މަނިކުފާނު ވިދާޅުވިއެވެ. ޢަބްދުއްރަޙީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނެގިޔަ ނުދެއްވާނެ ކަމަށް --- ފޮޓޯ/ ޕީއެންސީ ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒި މާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށެވެ. އާޓިފިޝަލް ބީޗުގައި އޮތް 'ބޮޑު ބަދަލު' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް ވެރިކަންކުރާ ޕީއެންސީގެ އިތުބާރު ގެއްލިގެން އުޅޭ ސަބަބެއް އަދިވެސް ހާމަނުކުރާ ކަމަށެވެ. "އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެއޭ، އާދެ، ނާޒިމާ އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ. https://sun.mv/222347 މީގެ އިތުރުން، މި ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި ހުސްވެފައިވާ އައްޑޫ ހިތަދޫ ދާއިރާގެ ގޮނޑިއަށް އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ހޮވުނަސް އެމްޑީޕީއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެެވެ. "ރައްޔިތުންގެ މަޖިލީހުގެ ތެރެއަކުންނެއް ސަރުކާރު ޖަވާބުދާރީކުރުވަން މާ ބޮޑު މަސައްކަތެއް މިހާރު ތިއްބެވި އެމްޑީޕީ މެންބަރުންނަކަށް ނުކުރެވޭ، ނުކުރައްވާ، އޭގެ ތެރެއަށް ޢަބްދުالله ޞާދިޤް ވަޑައިގެން އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އައްޑުއަށް ތަރައްގީ ގެނެސްދެވޭނީ މި ސަރުކާރަށް ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތް ކަމަށް އެންމެ ފުރަތަމަ ސޮއިކުރާނެ މެންބަރެއް ރައްޔިތުންގެ މަޖިލީހަކަށް ބޭނުމެއްނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ